ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެރިކަން ކުރާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް(ޕީއެންސީ) އަށް ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ދިނުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އަށް ރައްޔިތުން ކުރާ އިތުބާރު ހާމަ ކޮށްދިން ަކަމެއް ކަމުގައި، ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެއެވެ.

Ads by Asuru

ޕީއެސްއެމްގެ ”ރާއްޖެ މިއަދު“ ޕްރޮގްރާމްގައި ރޭ، ވާހަކަ ދައްކަވަމުން މިނިސްޓަރު ފައިސަލް ވިދާޅުވީ، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައި ބޭއްވި ރިޔާސީ އިންތިހާބުގައި، ދިވެހި ރައްޔިތުން، ރައީސް މުއިއްޒު އަށް 129،000 ވޯޓު ދިން ކަމަށާއި، މިދިޔަ މަހުގެ 21 ވަނަ ދުވަހު ބޭއްވި މަޖިލިސް އިންތިހާބުގައި، އެއަށްވުރެ ވެސް ފުރިހަމަ ތާއީދެއް ކުރި ކަމަށެވެ. މިކަމުން އެނގެނީ، ރައްޔިތުން އެމަނިކުފާނަށް އިތުބާރު ކުރާ މިންވަރު ކަމަށް ވެސް ފައިސަލް ވިދާޅުވިއެވެ.

”އެހެންވީމަ، އޭގެން ދޭހަކޮށްދެނީ، ރައްޔިތުންގެ އިތުބާރު، ރައީސް ޑރ.މުހައްމަދު މުއިއްޒުއަށާއި، މިއަދުގެ ސަރުކާރަށް އޮތް ކަމަށް، އިނގޭތޯ؟“

ފައިސަލް އިތުރަށް ވިދާޅުވީ، ރައީސް މުއިއްޒު، ދިވެހި ރައްޔިތުންނަށް ވަރަށް ގިނަ ވައުދުފުޅުތަކެއް ވެވަޑައިގެންފައިވާ ކަމަށާއި، މަޖިލީހުގެ ސުޕަރ މެޖޯރިޓީ ލިބުމާއިއެކު، އެ ވައުދުފުޅުތައް ފުއްދެވުމަށް ވަރަށް ބޮޑަށް ފަސޭހަ ވެގެންދާނެ ކަމަށެވެ.