ރާއްޖޭގައި ކެންސަރު ބަލި އިތުރުވާތީ ދިރާސާއެއް ކުރަން ނިންމައިފިއެވެ.
ހެލްތު މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ވިދާޅުވީ ރާއްޖޭގައި މިހާރަކަށް އައިސް ކެންސަރު ބަލި ފަދަ ގައިންގަޔަށް ނާރާ ބަލިތައް އިތުރުވަމުން އަންނަ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ، އެކަމާ ގުޅިގެން ދިރާސާއެއް ހެދުމަށްޓަކައި ޑަބްލިއުއެޗްއޯގެ އެހީއަށް މިހާރު އެދިފައިވާނެ ކަމަށެވެ. އަދި އެކަމަށް ބޭނުންވާ ފަންޑު ލިބުމުން އެ މަސައްކަތް ފަށާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
”އަޅުގަނޑުމެން މިހާރު ވާނީ ޑަބްލިއުއެޗްއޯގެ އެހީތެރިކަމަށް ވެސް އެދިފައި އެކަމުގައި ދިރާސާތަކެއް ކޮށްދިނުމަށް.“
މިނިސްޓަރު ވިދާޅުވީ ކެންސަރުގެ ފަރުވާ އަކީ ވަރަށް އަގުބޮޑު ފަރުވާއެއް ކަމަށާއި އެގޮތުން ރާއްޖެއިން ބޭރަށް ބަލިމީހުން ފޮނުވައިގެން އެކަމަށް ފަރުވާ ހޯދުމަކީ ސަރުކާރުން އިސްކަންދޭ ކަމެއް ކަމަށެވެ.
މާލެ ސަރަހައްދުގައި ކެންސަރު ހޮސްޕިޓަލެއް ހަދަން ސަރުކާރުން ވަނީ ނިންމާފައެވެ.