ރާއްޖެއަށް އެތެރެކުރާ އެކި ބާވަތުގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ސާމްޕަލް ނަގައި ޓެސްޓުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.

Ads by Asuru
އިއްޔެ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ހަލީލު ވިދާޅުވީ ކާބޯތަކެތީގެ ސާމްޕަލް ނެގުމަށް ތައްޔާރީތަކެއް ވަމުންދާ ކަމަށާއި އެއީ ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކަމަށެވެ.

އަދި ރާއްޖެއިން ބޭރަށް ސާމްޕަލް ފޮނުވައިގެން ޓެސްޓް ހަދަން ޖެހޭނަމަ އެކަންވެސް ކުރަން އިންތިޒާމުތައް ހަމަޖައްސަމުންދާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ހަލީލު ވިދާޅުވީ ކާބޯތަކެތީގެ ރައްކާތެރިކަން ބެލޭނެ ގޮތެއް ހަމަޖެއްސުމުން ރައްކާތެރި ކާބޯތަކެތި އެތެރެކުރުމަށް ވަރަށް ބޮޑަށް މަގުފަހިކުރުވޭނެ ކަމަށެވެ.

އަދި މިމަސައްކަތަކީ ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ މުހިއްމު ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

ރާއްޖެއިން ބޭރުން ގެންނަ ކާބޯތަކެތީގެ ބައެއް ބާވަތްތަކާއި ރާއްޖޭގައި ހައްދާ ބައެއް ބާވަތްތަކަކީ ކެމިކަލް ބޭނުންކޮށްގެން ހައްދާފައިވާ ތަކެތިކަން ފާހަގަކުރައްވައި، މިނިސްޓަރު ހަލީލު ވަނީ އެ ތަކެތީގެ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގެ ގޮތުން ސާމްޕަލް ޓެސްޓް ކުރަންޖެހޭ ކަމަށް ވިދާޅުވެފައެވެ.