ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓުކުރުމަށް އުފައްދާފައިވާ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ)ގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި ނޫރުއައިން މުހައްމަދު އަލީ ޖަނާހު އެ ކުންފުނިން ރާއްޖެ ޕްރޮމޯޓުކުރުމަށް ބޭރުގައި ބާއްވާ ހަރަކާތްތަކަށް ނުގެންދިއުމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް އަންގަވާފައިވާ ކަމަށް ބުނެ، ޗެނަލް13 އިން ފެތުރީ ރޯ ބުހުތާނު ދޮގެއް ކަމަށް މިނިސްޓަރު ވިދާޅުވެއްޖެއެވެ.

Ads by Asuru

ޗެނަލް13ގެ ލިޔުން ޝާއިއު ކުރައްވައި، ފައިސަލް މީސްމީޑިއާގައި މިރޭ ވިދާޅުވީ އެއީ ޗެނަލް13 ގައި ލިޔެފައިވާ ރޯބުހުތާނު ދޮގެއް ކަމަށާއި، ޒާތީވެ ބުލީކޮށްގެން ފަހަތަށް ނުޖެއްސުމުން ބޮޑެތި ދޮގު ވާހަކަތައް ފަތުރައިގެން ވެސް އޭނާ ފަހަތަކަށް ނުޖެއްސޭނެ ކަމަށެވެ.

”ޓޫރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރުސީގެ ލީޑަރޝިޕްގައި ތިބި ފަރާތްތަކާއިމެދު އޮތީ ވަރަށް އެކުވެރި ބަދަހި ގުޅުމެއް. އަޅުގަނޑުމެން އެންމެން އަތުގުޅާލައިގެން މިތިބީ ރައީސް މުއިއްޒުގެ ތަސައްވަރުގައިވާ އިންގިލާބީ ހެޔޮ ބަދަލުތައް މި ސިނާއަތަށް ގެނެސްދިނުމަށް.“ ‏ފައިސަލް ވިދާޅުވިއެވެ.

މިނިސްޓަރު ވަނީ ކުރިއަށް އޮތް އައިޓީބީ ޗައިނާ ފެއާގައި ބައިވެރިވާ ރާއްޖޭގެ ވަފުދުގައިވެސް ނޫރައިން ބައިވެރިވާނެކަން ވެސް ފާހަގަކުރައްވާފައެވެ.

އިންތިޒާމްކޮށް ރޭވިގެން މި ސިނާއަތުގައި އިސްކޮށް ހަރަކާތްތެރިވާ ކަނބަލުންނަށް ޓާގެޓްކޮށްގެން މިފަދަ ދޮގު ވާހަކަތައް ފަތުރައިގެން އެކަނބަލުންގެ އަޒުމް ބަލިކަށި ނުކުރެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމުގައި ވެސް މިނިސްޓަރު ވިދާޅުވިއެވެ.