މާލޭގެ ހ.ޝީރީންވިލާގައި ވަރަށް އަނިޔާވެރިކޮށް މަރާލާފައި އޮއްވާ ފެނުނު، ޝިއާއު މުހައްމަދު ސައީދުގެ ފޮޓޯތައް މީސްމީޑިއާގައި ދައުރު ނުކުރުމަށް ފުލުހުން އެދިއްޖެއެވެ.

Ads by Asuru

ޝިއާއު މަރާލާފައި އޮއްވާ ފެންނަ ފޮޓޯތައް، ރެއިން ފެށިގެން މީސްމީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ދަނީ ދައުރު ވަމުންނެވެ.

މިކަމާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސްއިން މިއަދު ބުނީ އެ ފޮޓޯތަކަކީ ފުލުހުންގެ ތެރެއިން ލީކުވެފައިވާ ފޮޓޯތަކެއް ކަމަށް ބައެއް މީޑިއާތަކުން ބުނި ނަމަވެސް، އެފަދަ އެއްވެސް ފޮޓޯއެއް ފުލުހުންގެ ތެރެއިން ލީކުވެފައިވާ ކަމަށް ނުބެލެވޭ ކަމަށެވެ.

އަދި އެ ފޮޓޯ ތަކަކީ ފުލުހުންގެ ތަހުގީގަށް ނަގައި، ތަހުގީގުގައި ބޭނުންކުރަމުން ގެންދާ ފޮޓޯތަކެއް ނޫނެވެ.

ނަމަވެސް، ކުށުގެ ވެއްޓަށް ވަދެފައިވާ އެއްވެސް ފަރާތަކުން އެފަދަ ފޮޓޯއެއް ނަގައި، ލީކު ކޮށްފައިވޭތޯ މި ހިދުމަތުން އިތުރަށް މި ގެންދަނީ ބަލަމުންނެވެ.

ފުލުހުން އިތުރަށް ބުނީ ލީކުވެފައިވާ ފޮޓޯތަކަކީ އަނިޔާވެރިކަން ފެންނަ، ގިނަ ބަޔަކަށް އެކަމުން އަސަރު ކުރުވާނެފަދަ ފޮޓޯތަކަކަށް ވުމާއެކު، އެކަކު އަނެކަކަށް އެ ފޮޓޯތައް ފޮނުވައި އެކި ވަސީލަތްތައް މެދުވެރިކޮށް ދައުރު ނުކުރުމަށް މި ފުރުސަތުގައި ދަންނަވަމެވެ.

ޝިއާއުގެ މަރުގެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 23 އަހަރުގެ ސްކޭޓަރު އަލީ ޝާހިލްއެވެ. ކުށުގެ ވެށިން ހައްޔަރު ކުރި ޝާހިލް ކުށަށް އިއުތިރާފު ނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.