ފިލްމު ބެލުމާއި، އެނޫންވެސް އެކި ކަންކަމުގައި އާއިލާއާ ގާތް ރަހްމަތްތެރިންނާއެކު ވަގުތު ހޭދަކުރާއިރު، ޕޮޕްކޯން ކެއުމަށް ގިނަ މީހުން ލޯބި ކުރެއެވެ. އެކި ގޮތްގޮތަށް ޕޮޕްކޯން ތައްޔާރު ކުރެވޭއިރު، ކެރެމެލައިޒްޑް ނުވަތަ ހަކުރުލީ ޕޮޕްކޯން އަކީ އޭގެތެރެއިންވެސް ފާހަގަކޮށްލެވޭ މީރު ރަހައެއް ހުންނަ އެއްޗެކެވެ. މިފަހަރު މި ހިއްސާކޮށްލަނީ ”ކެރަމަލައިޒްޑް ޕޮޕްކޯން“ ތައްޔާރުކޮށްލާނެ ގޮތެވެ.

Ads by Asuru

އެންމެ ފުރަތަމަ ދެ ސަމުސާ ތެޔޮ، ތެއްޔެއްގައި ހޫނު ކޮށްލާށެވެ. ތެޔޮ ހޫނުވުމުން، އެއަށް ބައި ޖޯޑުގެ ކޯން އަޅާށެވެ. އެއަށްފަހު ކުޑަ ލޮނު ކޮޅެއް ލުމަށްފަހުގައި، ފަސް މިނެޓް ވަންދެން، މަޑު ގިނީގައި ހޫނު ކޮށްލާށެވެ.

ކޯންތައް އެއްކައިރީގައި ބެހެއްޓުމަށްފަހު، އެއްޖޯޑު ހަކުރު މަޑު ގިނީގައި ފަސް މިނެޓު ވަންދެން ހޫނު ކުރާށެވެ. ޑާކް ސިރަޕެއް ގޮތަށް ވަންދެން ހަކުރު ހޫނު ކުރާށެވެ. ހޫނު ކުރާއިރު ދޭފަތަކުން ހަލަމުން ގެންދާށެވެ. އެއަށްފަހު އެއަށް ކިރު ޖޯޑެއް އެޅުމަށްފަހު، ހައެއްކަ މިނެޓު ވަންދެން ކައްކާލާށެވެ. އެގޮތަށް ކައްކަމުންގޮސް އޮލަވުމުން، ކުޑަ ބަޓަރު ކޮޅަކާއި، ވެނީލާ އެސެންސް ކޮޅެއް އަޅާލާށެވެ.

އެއަށްފަހު، ޕޮޕްކޯންތަކުގެ ތެރެއަށް ހަކުރުގަނޑު އަޅާލާށެވެ.

މިއީ ކުޑަކުދިންނަށާއި ބޮޑެތި މީހުންނަށްވެސް ވަރަށް ކަމުދާނެ އެއްޗަކަށްވާނެއެވެ.