ސަރުކާރުން އަރަބިއްޔާ ސްކޫލަށް ދިނީ ހައްގު މިންވަރެއް ނޫން ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެެއެވެ.

Ads by Asuru

މުއިއްޒު މިހެން ވިދާޅުވެފައިވަނީ ވީޓީވީގައި ވާހަކަ ދައްކަވަމުންނެވެ.

 އަރަބިއްޔާ ސްކޫލްގެ ހާލަތު ދަށްވެ ބެލެނިވެރިންނާއި ދަރިވަރުން އަދި ޓީޗަރުން ކަންބޮޑުވުމާއެކު މުޒާހަރާ ކުރަމުން ދަނިކޮށް މާލެ ސިޓީ ކައުންސިލާ މަޝްވަރާ ކުރުމެއް ނެތި، ބާ ޖަމާލުއްދީން ސްކޫލަކީ، އަރަބިއްޔާ ސްކޫލްގެ އާ އިމާރާތް ކަމުގައި ސަރުކާރުން ވަނީ ހަމަަޖައްސައިފައެވެ.

އެތަނަށް ސްކޫލް ބަދަލު ކުރަން ނިންމިއިރު، ބާ ޖަމާލުއްދީނުގައި މައްޗަންގޮޅީގެ ރައްޔިތުންނަށް ޕާކެއް އެޅުމަށް އެ އަވަށުގެ ރައްޔިތުންނާއެކު މާލެ ސިޓީ ކައުންސިލުން ބޭއްވި ބައްދަލުވުމުގައި ވަނީ މަޝްވަރާ ކޮށްފައެވެ.

ބާ ޖަމާލުއްދީނުގައި އަރަބިއްޔާ ސްކޫލްގެ އާ އިމާރާތް އެޅުމަށް ސިޓީ ކައުންސިލުން ހުރަސް އަޅާ ކަމަށް ބުނެ ކުރާ ތުހުމަތާ ގުޅޭގޮތުން މުއިއްޒު ވިދާޅުވީ ސިޓީ ކައުންސިލުން ތަރައްގީގެ އެއްވެސް މަޝްރޫއުއަކަށް، އަދި ރައްޔިތުންނަށް ލާބައާ މަންފާ ލިބޭނެ އެއްވެސް ކަމަކަށް ހުރަސް ނާޅާނެ ކަމަށެވެ.

މޭޔަރު ވިދާޅުވީ އަރަބިއްޔާ ސްކޫލްގެ މައްސަލައިގައި، އެ ސްކޫލްގެ ދަރިވަރުންގެ ހައްގުގައި އެންމެ ބޮޑަށް ވަކާލާތު ކުރީވެސް ސިޓީ ކައުންސިލުން ކަމަށެެވެ.

އެބޭފުޅުންނާ ބައްދަލު ކުރާނެ ބަޔަކު ނުލިބިގެން، ރައީސް އޮފީސް ކައިރީގައި ސަލާންޖަހާ، އެތައް ތަނަކަށް ގޮސް ހެދިއިރު، އެންމެ ފުރަތަމަ ބައްދަލު ކުރީވެސް އަޅުގަނޑުމެން. އަޅުގަނޑުމެން ދެންނެވިން އެބޭފުޅުންނަށް އެންމެ ރަނގަޅުވާނެ ބިންކަމުގައި އަޅުގަނޑުމެންނަށް ފެންނަ ތަންނަން.

މޭޔަރު ވިދާޅުވީ އަރަބިއްޔާ ސްކޫލް ހިންގުމަށް އެންމެ ރަނގަޅުވާނެ އިމާރާތްތައް ސިޓީ ކައުންސިލުން ހުށަހެޅި ކަމަށެވެ. ނަމަވެސް ސަރުކާރުން އެއިން ތަނެއް ނުދިންކަން ފާހަގަކުރެއްވިއެވެ. އޭގެ ބަދަލުގައި ސްކޫލް ހިންގަން ދިނީ ކާރޫބާރޫ ބޮޑު، އުނދަގޫ ސަރަހައްދެއްކަމަށްވެސް ވިދާޅުވިއެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ ބާ ޖަމާލުއްދީން އިމާރާތް އަރަބިއްޔާ ސްކޫލަށް ބަދަލު ކުރުމަށް، މައްޗަންގޮޅީގެ ރައްޔިތުން ދެކޮޅު ނަަމަވެސް، ސަރުކާރުގެ އެދުމަށް އެތަނުގެ ރަޖިސްޓްރީ ހަދައިދިނީވެސް އަރަބިއްޔާ ސްކޫލްގެ ދަރިވަރުންގެ ހައްގުގައި ކަަމަށެވެ.

ކުރިއަށް އޮތް ތަނުގައިވެސް އަޅުގަނޑުމެން އެދެނީ އަރަބިއްޔާ ސްކޫލަށް ހަމަ އެންމެ ރަނގަޅު ގޮތް ވާން. މިއީ (ބާ ޖަމާލުއްދީނަކީ)ވެސް އޮޕްޝަނެއް. ދެން ސަރުކާރުން މިތަނުގައި ސްކޫލް އަޅަންޏާ އަޅަންވީ. އެކަމު އޭގަ ހުރި ކަންބޮޑުވުންތައް އަޅުގަނޑުމެން ވާނީ ހިއްސާ ކޮށްފައި.

މޭޔަރު ވިދާޅުވީ އެތަނަކީ އަރަބިއްޔާ ސްކޫލަށް ހައްގު މިންވަރު ނޫން ކަމަށާއި، އެއަށްވުރެ މާ ހިތްގައިމު ބިންތައް އެބަހުރި ކަމަށެވެ.

ބާ ޖަމާލުއްދީންގައި އަރަބިއްޔާ ސްކޫލްގެ އާ އިމާރާތް އެޅެންދެން، އެ ސްކޫލް ވަގުތީ ގޮތުން ބަދަލު ކޮށްފައިވަނީ ކުރީގެ ފޮރިން މިނިސްޓްރީ ހުރި އިމާރާތަށެވެ.