ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތާއި މެރިކަލްޗަރގެ ދާއިރާއަށް ބޭނުންވާ ހުނަރާއި އިލްމު ތަރައްގީކުރުމާ ގުޅޭގޮތުން ޗައިނާގެ ފުޖިއާން ޕްރޮވިންސްގެ ޑިޕާޓުމަންޓު އޮފް ފިޝަރީޒް ރިސޯސަސްގެ މަތީ ފަންތީގެ ވަފުދާކާ މަޝްވަރާކޮށްފިއެވެ.

ފުޖިއާން ޕްރޮވިންސްގެ މި ވަފުދުގެ މި ދަތުރަކީ މަސްވެރިކަން ކުރިއެރުވުމުގައި ގުޅިގެން މަސައްކަތްކުރުމަށް ހުރި ފުރުސަތުތައް ބެލުމަށް ކުރާ ދަތުރެކެވެ.

އެ ވަފުދާއެކު ބައްދަލުވުން މިއަދު ބާއްވާފައި ވަނީ ފުޖިއާން ޕްރޮވިންސްގެ ވަފުދުގެ ބޭފުޅުންގެ އިތުރުން ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަންގު ލީޒިންގެ އިތުރުން ފިޝަރީޒް މިނިސްޓްރީގެ އިސްވެރިންނާއިއެކުގައެވެ.

މި ބައްދަލުވުމުގައި މިދާއިރާއަށް ބޭނުންވާ ހުނަރާއި އިލްމު ތަރައްގީ ކުރުމާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައިވާއިރު، ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވަނީ، މި ދާއިރާއިން ޗައިނާގެ އިންވެސްޓުމަންޓުތަކަށް މަރުހަބާ ކިޔާކަމަށް ވިދާޅުވެފައެވެ.