ނިޒާމުގެ ތެރެއިން ހިދުމަތްތައް ހޯދުމުގައި ރައްޔިތުންނަށް ހުރި ދަތިތައް ހައްލު ކުރަން މަސައްކަތް ކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން މަރުޒޫގު ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އަޒާން ވިދާޅުވީ، އާސަންދަ, އެންސްޕާ, ސްޓުޑެންޓް ލޯނު, ވިޔަފާރި ލޯނު, ބިދޭސީ ކޯޓާ, ދަރުމަވަންތަ ޕްރައިވެޓް ކޮޓަރި އަދި މި ނޫންވެސް ސަރުކާރުން ރައްޔިތުންނަށް ދޭ ހިދުމަތްތަކަކީ ކޮންމެ ރައްޔިތަކަށްވެސް އުސޫލުގެ ތެރެއިން އިންސާފުވެރިކަމާއި އެކު ލިބެންޖެހޭ ހިދުމަތްތައް ކަމަށެވެ.
މަޖިލީސް އިންތިހާބަށް ކުރިމަތިލީ ދުވަހުން ފެށިގެން އެންމެ ގިނަ ރައްޔިތުން އޭނާއަށް ގުޅަމުން ދިޔައީ މިފަދަ ކަންކަމުގައި ކަމަށާއި، އެހެން އެކަން ވާންޖެހެނީ ނިޒާމުގެ ތެރެއިން ހިދުމަތް ލިބުމުގައި ލަސްކަމާއި, ދަތިކަން އުޅޭތީ ކަމަށް އަޒާން ވިދާޅުވިއެވެ.
”ދާއިރާގެ މެމްބަރަށް ގުޅައިގެން ނޫނީ ނުފޫޒުގަދަ އެހެން މީހަކަށް ގުޅައިގެން މި ކަންކަން ކުރަން ޖެހިފައި އޮތް އޮތުން ނިމުމަކަށް ގެންނަން ޖެހޭ. 20 ވަނަ މަޖިލީހުގައި އަޅުގަނޑު މިކަންކަމަށް ހައްލެއް ގެންނަން މަސައްކަތް ކުރާނަން.“ އަޒާން ލިޔުއްވާފައިވެއެވެ.
އަޒާން އަކީ މަޖިލިސް އިންތިހާބަށް ވާދަ ކުރައްވަން ނުކުމެވަޑައިގަތުމުގެ ކުރީން ވެސް، ރައްޔިތުންނަށް ދިމާވާ މިފަދަ ގިނަ މައްސަލަތަކުގައި ވަކާލާތު ކުރައްވަމުން ގެންދެވި ފަރާތެވެ.
ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން، މެމްބަރުކަމުގެ ހުވާ ކުރައްވާފައި ވަނީ އިއްޔެއެވެ.
