ވިހި ވަނަ ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ފޮނުވުމަށް ނިންމާފައިވާ ބިލްތަކުގެ ތެރެއިން މި ދައުރަށް 37 ބިލެއް ފޮނުވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީީސް އަބުދުއްރަހީމް އަބުދުﷲ ވިދާޅުވީ، ސަރުކާރުން މަޖިލީހަށް 37 ބިލެއް ހިމެނޭގޮތުން ލިސްޓެއް ފޮނުއްވާފައިވާ ކަމަށާއި މިއަދު އެބިލުތައް މެންބަރުންނަށް ފޮނުއްވާނެ ކަމަށެވެ.
ސަރުކާރުން މަޖިލީހަށް ފޮނުއްވި ބިލުތަކުގެ ތެރެއިން ދެ ބިލެއްގެ ފުރަތަމަ ކިއުން މިއަދުގެ ޖަލްސާގައިވެސް ވަނީ އިއްވައިފައެވެ.
އޭގެ ތެރޭގައި ހިމެނެނީ، ސަރުކާރުގެ ފަރާތުން ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން އިމްރާން ލަތީފް ހުށަހަޅުއްވާ ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ސަރުކާރުގެ ފަރާތުން ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު ހުށަހަޅުއްވާފައިވާ ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގެ ބިލެވެ.
ރައްޔިތުންނަށް ބޭނުންވާ ކަންކަން ކޮށްދިނުމަށް ވަރަށް ގިނަ ބިލުތައް ހުށަހަޅުއްވާނެ ކަމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު ކުރިން ވިދާޅުވެފައިވެއެވެ.

ބިލްތައް ފާސްވުމުން ދައުލަތުގެ ބަޖެޓަށާއި ރާއްޔިތުންނަށް ކުރު މުއްދަތުގައި އާއި ދިގު މުއްދަތުގައި ވާނެ ފައިދާ އާއި އާމްދަނީ އަށާއި ދިރިއުޅުމަށް އަންނާނެ ބަދަލުތަކަށް ބެލުން ވަރަށް މުހިއްމު. އަދި ބައިނަލް އަގުވާމީ ގުޅުންތަކަށް އަންނާނެ ބަދަލުތަކަށް ވެސް ބަލަންޖެހޭ.