ގާ ހުދުވާތީ ވަގުތީ ގޮތުން ބިން ހިއްކުމާއި ފަޅުކޮނުން މަނާކޮށްފައި އޮތް އޮތުން އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ނިމުމަކަށް ގެނެސްފިއެވެ.

Ads by Asuru

މިކަން އަންގައި، އެންވަޔަރަމަންޓް މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، މިދިޔަ މަހު ކޮރަލް ރީފް ވޮޗްއިން އިއުލާންކުރި އެލަރޓްގައި ވަނީ ކަނޑުގެ ލޮނުގަނޑުގެ ފިނިހޫނު މިނަށް ބަލާފައި، ގައު ހުދުވުން އެކަށީގެންވާ ކަމަށް ލަފާކޮށް، އެލަރޓް ލެވެލް 2 އިން 1 އަށް މަތިކޮށްފައި ކަމަށެވެ.

އެހެންކަމުން މި މައްސަލަ ފާހަގަވުމާއެކު އީޕީއޭއިން ޤަރާރެއް ނެރެ، ބިން ހިއްކުމާއި ފަޅުފުންކުރުން ވަގުތީ ގޮތުން ހުއްޓުވާފައިވާ ކަމަށެވެ.

މީގެ ތެރޭގައި ރަށްރަށުގެ ބިން ހިއްކުމުގެ މަސައްކަތްތަކާއި ފަޅު ފުން ކުރުމުގެ މަސައްކަތްތަކާއި ފަޅުކޮނުމާއި ގޮނޑުދޮށުން ވެލިއެޅުމާއި ޕަމްޕު ބޭނުންކޮށްގެން ވެލި ނެގުމާއި ފަރުމަތީ ހޮޅި އަދި ކޭބަލް އެޅުންފަދަ މަސައްކަތްތައް ހިމެނޭ ކަމަށާއި އެއް މަސްދުވަހަށް މިފަދަ މަސައްކަތްތައް މަޑު ޖައްސާލަފައިވަނީ ލިބޭ ގެއްލުންތައް ކުޑަކުރުމަށް، މިޓިގޭޝަން ފިޔަވަޅެއްގެ ގޮތުން ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.

ނަމަވެސް މިހާރު ކަނޑުގެ ލޮނުގަނޑުގައި ހުރި ހޫނު މިން ދަށްވަމުންދާ ކަމަށާއި ގާތަށް ހުދުވުންވެސް މަޑުޖެހެމުން އަންނަ ކަމަށް އީޕީއޭއިން ބުނެފައިވާ ކަމަށް މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

ގާ ހުދުވުމުގެ މިހާރުގެ ހާލަތަށް ބަލައި އެލަރޓް 1 އަދި 2 ން، ވޮޗް ސްޓޭޖަށް މިހާރުވަނީ ޓްރާންސިޝަންވެފައި ކަމަށް ވެސް އެ މިނިސްޓްރީގެ ބަޔާނުގައި ބުނެފައި ވެއެވެ.