އެމްޑީޕީން ބޭއްވި އެތެރޭގެ އިންތިހާބުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފެކްޝަނަށް ލިބުނު ކާމިޔާބީއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު(ބޮންޑެ) ސަރުކާރުގެ ބައެއް ކުންފުނިތަަކަށް މަރުހަބާ ވިދާޅުވެއްޖެއެވެ.

ފޯރިގަދަ ކެމްޕެއިނަކަށް ފަހު އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ހޯއްދެވީ ޖުމްލަ ވޯޓުގެ 58 އިންސައްތަ ކާމިޔާބުކޮށްގެންނެވެ. އޭނާއާ ވާދަކުރެއްވި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީއަށް ލިބިވަޑައިގަތީ ޖުމްލަ ވޯޓުގެ 42 އިންސައްތައެވެ.

ަފައްޔާޒުގެ އިތުރުން އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ ކަމަށް ހޮވިވަޑައިގަތީ ރައީސް ސޯލިހުގެ ފެކްޝަނުން ވާދަ ކުރެއްވި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމެވެ.

އިންތިގެ ޓީމުން މީގެ ކުރިން ތުހުމަތު ކުރި ގޮތުގައި ފައްޔާޒާއި ރޮޒައިނާ އިންތިހާބުގެ ކެމްޕެއިނަށް ސަރުކާރުގެ ނުފޫޒާއި ބާރު ބޭނުން ކުރިއެވެ.

އަދި އެމްޑީޕީގެ އެތެރޭގެ އިންތިހާބަކަށް މީގެ ކުރިން މިވަރަށް ނުފޫޒު ފޯރުވާފައި ނުވާ ކަމަށްވެސް އެ ޓީމުން ބުނެފައިވެއެވެ.

ބޮންޑެ ކުރެއްވި ޓްވީޓެއްގައި ވަނީ ސްޓެލްކޯ އާއި އާރުޑީސީ އާއި ފެނަަކައަށާއި އެކުންފުނިތަކުގެ އެމްޑީންނަށްވެސް މަރުހަބާ ވިދާޅުވެ ކާމިޔާބުގެ ހައްގުވެރިންނަކީ އެއީ ކަމަށް ވިދާޅުވެފައެވެ.