މިއަދު ނިޔާވި ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) ގެ މައްޗަށް ކަށުނަމާދު ކުރުން މިރޭ ފަތިސް ނަމާދަށްފަހު، އިސްލާމީ މަރުކަޒުގައި ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

އުމުރުން 38 އަހަރުގެ ބަކާ ނިޔާވީ އޭޑީކޭ ހޮސްޕިޓަލްްގައި، ވެންޓިލޭޓަރުގައި ފަރުވާދެމުން ދަނިކޮށެވެ.

ޚަބަރުތައް ބުނާ ގޮތުގައި، ބަކާ ނިިޔާވީ ގައިން ގަޔަށް އަރާ ނުރައްކާތެރި ބައްޔެއް ކަމަށްވާ މެނިންޖައިޓިސް ބަލީގައެވެ.

މައްޔިތާގެ މޫނު ދެއްކުމަށް ހަމަޖެހިފައިވަނީ އިސްލާމީ މަރުކަޒުގައެވެ. އަދި ވަޅުލުމަށް ހަމަޖެހިފައި ވަނީ ގަލޮޅު ސަހަރާގައެވެ.

ބަކާ ނިޔާވުމުން، ގިނަ ބަޔަކު ދަނީ އޭނާއަށް ހެޔޮ ދުޢާކޮށް، ޢާއިލާ އަށް ކެތްތެރިކަން ދެއްވުން އެދި ދުޢާ ކުރަމުންނެވެ.