މަތީ ސާނަވީ ތައުލީމަށް ކިޔެވުމުގެ ފުރުސަތުތައް މާލެއާއި އަތޮޅުތަކުގައި މިހާރަށްވުރެ އިތުރުކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

ރައީސް މިހެން ވިދާޅުވީ، ސެންޓަރ ފޯރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން، ސީ.އެޗް.އެސް.އީއަށް 45 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ހާއްސަ އެސެމްބްލީ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

އެމަނިކުފާނު މި އެސެމްބްލީގައި ބައިވެރިވެވަޑައިގަތީ ސީ.އެޗް.އެސް.އީގެ އިސްދަރިވަރެއްގެ ހައިސިއްޔަތުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ސީ.އެޗް.އެސް.އީގައި މަތީ ސާނަވީ ތަޢުލީމު ހާސިލުކުރެއްވީ 1995 އަކުން 1997 އަކަށެވެ.

މަތީ ސާނަވީ މަރުހަލާއަކީ ދަރިވަރުންގެ މުސްތަގްބަލު ބައްޓަންކުރަން ލިބޭ އެންމެ މުހިންމު މަރުހަލާކަން ފާހަގަކުރައްވާ ރައީސް ވަނީ މި އަމިއްލަ ހަޔާތަށްޓަކާ މި ފުރުސަތުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަށް އިލްތިމާސްކުރައްވާފައެވެ.

ރައީސްގެ ވާހަކަފުޅުގައި، ކާމިޔާބު ހާސިލުކުރުމަށް ވަރުގަދަ އަޒުމެއް އޮންނަންޖެހޭކަމަށާއި، އަމިއްލަ ނަފްސަށް ފުރިހަމަ އިތުބާރު އޮތުން މުހިންމުކަމަށް ވިދާޅުވިއެވެ.

އަދި މިހާރުގެ ދަރިންނަކީ ޤައުމުގެ މުސްތަޤުބަލުކަމަށާއި، ކިޔަވައިގެން ނިކުންނަށް ދަރިވަރުންނަކީ ޤައުމީ ލޯބި ހުންނަންޖެހޭނެ ބައެއްކަންވެސް ފާހަގަކުރެއްވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ކާމިޔާބީ ހާސިލުކުރުމުގައި ވަރަށް  ވަރަށް ވަރުގަދަ އަޒުމެއް ހުންނާން ޖެހޭ ކަމަށާއި، ކޮންމެ ކަމެއްގައިވިޔަސް ކާމިޔާބު ހާސިލުވާނީ އަމިއްލަ ނަފްސަށް އިތުރުބާރުކޮށްގެން ކަމަށެވެ.