މަޖީދިއްޔާ ސްކޫލް ސަރަޙައްދުގައި ހުންނަ ސްޓެލްކޯގެ ސަބްސްޓޭޝަނެއްގެ ޓްރާންސްފޯމަރަށް ގުޅާފައިވާ ކޭބަލްތަކެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފިއެވެ.

މިކަމާ ގުޅޭގޮތުން ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން 32 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ކޭބަލްތައް ވަގަށް ނެގުމާ ގުޅިގެން މަޖީދިއްޔާ ސްކޫލު ހިމެނޭހެން، ހެންވޭރުގެ އަބަދަށްފެހި މަގާއި، މެދުޒިޔާރަތްމަގު، ކަޅުހުރާ މަގު އަދި ކަރަންކާ މަގުގެ ބައެއް ގެތަކުން ވަނީ ކަރަންޓުގެ ޚިދުމަތް މެދުކެނޑުނެވެ.

ފަހުން އާ ކޭބަލެއް އަޅައި، އެ ސަރަހައްދުތަކަށް ސްޓެލްކޯ އިން ވަނީ  ކަރަންޓު ދީފައެވެ.

 

ފަހަކަށް އައިސް މާލެ އާއި ހުޅުމާލޭގެ ކަރަންޓް ކޭބަލްތައް ބުރިކޮށްގެން ވަގަށް ނެގުމާއި ގެއްލުން ދިނުން ފަދަ ކަންކަން ވަރަށް ބޮޑަށް އިތުރުވެފައިވެ އެވެ. މިފަދަ ހާދިސާއެއްގައި ދާދި ފަހުން ހުޅުމާލެ އިން މީހަކު މަރުވެސް ވެފައިވެ އެވެ.