ދެ ޓޭނަކަރު ގެނެސް އެއް މަސް ތެރޭގައި ބަންކަރިންގެ ހިދުމަތް ސަރުކާރުން ރަސްމީކޮށް ފަށާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ރޭ ހައުސް އޮފް ޕީއެންސީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ، އެހިދުމަތް ފެށުމުން ދައުލަތަށް އެއް އަހަރުގެ ތެރޭގައި މުޅިން އާ ސިނާއަތަކުން ހަ ބިލިއަން ރުފިޔާ ލިބިގެންދާނެ ކަމަށެވެ.
މިނިސްޓަރު ސައީދު ވިދާޅުވީ، ބަންކަރިންގެ ހިދުމަތަށް އެސްޓީއޯ އިން ބޮޑު ދެ ޓޭންކަރު ގަނެ އެމްއެންޑީއެފްއާ ގުޅިގެން ޗާޓުތައް އަޕްޑޭޓް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އަދި ކަސްޓަމާއި އިމިގްރޭޝަނާއިއެކު ވެސް އެ ހިދުމަތް ފެށުމަށް އެންމެ ފަހުގެ މަސައްކަތްތައް އެސްޓީއޯ އިން ކުރަމުންދާކަން ފާހަގަކުރެއްވިއެވެ.
ސައީދު ވިދާޅުވީ، މި ހިދުމަތާއިއެކު ދިމާވެދާނެ ތިމާވެށީގެ މައްސަލަތަކަށް ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތަށް ތައްޔާރުވަމުންދާ ކަމަށެވެ.
ބަންކަރިންގެ ހިދުމަތަށް ބޭނުންވާ 40 މީހުން ވަޒީފާއަށް ކުރިމަތިލުމުގެ ފުރުސަތު މީގެ ތިން ހަފްތާ ކުރިން އެސްޓީއޯއިން ހުޅުވައިލައިފައި ވާ ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ރާއްޖޭގެ ޖީޑީޕީ އަކީ 6.5 ބިލިއަން ޑޮލަރު ކަމަށާއި، ބަންކަރިން ހިދުމަތް ފެށުމާއިއެކު އަންނަ އަހަރު ޖުލައި މަހު ތެރޭގައި ރާއްޖޭގެ ޖީޑީޕީއަށް 400 މިލިއަން ޑޮލަރު އިތުރުވެގެންދާނެ ކަމަށެވެ.
