ވިޔަފާރީގެ ދާއިރާ ފުޅާ ކުރުމާ ގުޅޭގޮތުން، ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ހިޒް އެކްސަލަންސީ ޕައިޓޫން މަހާޕަންނާޕޮންއާއި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިއަދު މަޝްވަރާ ކުރައްވައިފިއެވެ.

އެމަނިކުފާނު މި މަޝްވަރާ ކުރެއްވީ، އައު ސަފީރު، މަގާމުގެ ފަތްކޮޅު އެރުއްވުމަށް ރައީީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތަށް ފަހުގައި ކަމަށް ރައީީސް އޮފީހުން ވިދާޅުވެފައިވެއެވެ.

މި ރަސްމިއްޔާތަށް ޖުމްހޫރީ މައިދާނުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ހަމައަށް ސަފީރު ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާއެކު ހިންގަވައިފައެވެ.

ތައިލެންޑްގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އައު ސަފީރަށް ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރްޙަބާ ވިދާޅުވެފައެވެ.

އެއަށްފަހު އައު ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަންކަމުގެ ތެރޭގައި ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ޞިއްޙީ ދާއިރާ ފުޅާކުރުމާއި، ވިޔަފާރީގެ ދާއިރާއާއި އިންވެސްޓްމަންޓްގެ އިތުރުން އިންސާނީ ވަޞީލަތާއި ޤާބިލުކަން އިތުރުކުރުން ހިމެނެއެވެ.

ދިވެހިރާއްޖެއާ ތައިލެންޑާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1979 ވަނަ އަހަރުގެ ޖޫން މަހުގެ 21 ވަނަ ދުވަހުއެވެ.

ތައިލެންޑް ސަފީރަކީ ނޮން-ރެސިޑެންޓް ސަފީރުގެ ގޮތުގައި ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެކެވެ. ތައިލެންޑް ސަފީރު ހުންނަވާނީ ސްރީލަންކާގެ ކޮލަމްބޯގައެވެ.