ދިވެހިރާއްޖެއާއި ޗައިނާގެ ސިޝުއާން ޕްރޮވިންސް އާއި ދެމެދު ބޭއްވުމަށް ހަމަޖެހިފައިވާ ޓްރޭޑް އެންޑް އިންވެސްޓްމަންޓް ކޮންފަރެންސްގައި ބައިވެރިވުމުގެ ފުރުސަތު އިކޮނޮމިކް މިނިސްޓްރީން ހުޅުވާލައިފިއެވެ.
މި ކޮންފަރެންސަކީ ވައިސް ޗެއަރމަން އޮފް ދަ ސްޓޭންޑިންގ ކޮމިޓީ އޮފް ސިޝުއާން ޕްރޮވިންޝިއަލް ޕީޕަލްސް ކޮންގްރެސް އޮފް ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ، ހަރ އެކްސަލަންސީ މިސް ޒޫ ޗުންޝިއު އިސްކޮށް ހުންނަވައި ހަ މެންބަރުންގެ މައްޗަށް އެކުލެވޭ ވަފްދެއް ރާއްޖެއަށް ކުރައްވާ ދަތުރުފުޅާއި ގުޅުވައިގެން ބާއްވާ ކޮންފަރެންސެކެވެ.
އަންނަ މަހުގެ ހަވަނަ ދުވަހު ބާއްވާ މި ކޮންފަރެންސްގައި ފަސް ދައިރާއަކުން ސިޝުއާން ޕްރޮވިންސްގެ ވިޔަފާރިވެރިން ބައިވެރިވާނެއެވެ.
މި ކޮންފަރެންސްގައި ދަނޑުވެރިކަމުގެ ދާއިރާ އާއި، މޭވާ އަދި ތަރުކާރީ ސަޕްލައިކުރާ ފަރާތްތަކާއި، ކާބޯތަކެތި އުފެއްދުމާއި، ޕްރޮސެސް ކުރުމާއި އެކްސްޕޯޓް އަދި ސަޕްލައިއާއި ބެހޭ ވިޔަފާރި އާއި ކޮންސިއުމާ ގުޑްސް އަދި ހޯލްސޭލް ވިޔަފާރި އާއި، ފަތުރުވެރިކަމާއި ބެހޭ ދާއިރާ އިން ވިޔަފާރިވެރިން ބައިވެރިވާނެއެވެ.
މި ކޮންފަރެންސްގެ ތެރެއިން މި ދާއިރާތަކުގެ ވިޔަފާރިތަކާއި ގުޅުން ޤާއިމްކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
އެހެން ކަމުން މި ދާއިރާތަކުން ޒިޔާރަތްކުރާ ކުންފުނިތަކާ އަދި ސިޝުއާން ޕްރޮވިންސްގެ އިސްފަރާތްތަކާ ބައްދަލުކޮށް މަޝްވަރާ ކުރުމަށް ޝައުގުވެރިކަން ހުރި ދިވެހި ވިޔަފާރިތަކުން އެކަމަށް އެދި ހުށަހެޅުމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ހުޅުވާލާފައެވެ.

