ދިވެހިރާއްޖޭގައި މަރުގެ ހުކުމް އުވާލައިފިނަމަ ގާނޫނުއަސާސީއާ ހިލާފުވާނެ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އިހުސާން މިފަދައިން ވިދާޅުވެފައި ވަނީ، އދގެ އިންޓަނޭޝަނަލް ކޮވެނަންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް (އައިސީސީޕީއާރް)ގެ ދަށުން 2022 ވަނަ އަހަރު ދިވެހިރާއްޖެއިން ހުށަހަޅާފައިވާ ދެވަނަ ޕީރިއޮޑިކް ރިޕޯޓް އދގެ ހިއުމަން ރައިޓްސް ކޮމިޓީން ރިވިއުކުރުމަށްޓަކައި އިއްޔެ އާއި މިއަދު ސްވިޒަލޭންޑްގެ ޖެނީވާގައި ބޭއްވި ރިވިއު ސެޝަންގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކައިގައެވެ.

މިނިސްޓަރު ދެއްކެވި ވާހަކައިގައި، ދިވެހިރާއްޖޭގައި ހަދާ ކޮންމެ ގާނޫނެއްގެ މަސްދަރަކީ އިސްލާމްދީންކަން ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ހަދާފައިވާ ގާނޫނުތަކަކީ ރައްޔިތުންގެ ރުހުން އޮތް ގާނޫނުތަކެއް ކަމަށެވެ. އެހެންކަމުން މަރުގެ ހުކުމް އުވާލައިފި ކަމަށްވާ ނަމަ ގާނޫނުއަސާސީއާ އެންމެންނަށްވެސް ހިލާފުވެވޭނެ ކަމަށް ވިދާޅުވިއެވެ.

އިހުސާން ވިދާޅުވީ މަރުގެ ހުކުމް ތަންފީޒު ކުރަންޖެހޭ ހާލަތެއްގައި އެ ހުކުމް ތަންފީޒު ކުރާނީ އެއްވެސް ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތުވުމުން ކަމަށެވެ.