ކ. ތިލަފުށިން ސިނާއީ މަސައްކަތްތައް ކުރުމަށް ބިން ކުއްޔަށް ނެގުމަށް ބޭނުންވާ ފަރާތްތަކުން، ބިޑް ކާމިޔާބު ކުރުމަށް އެއް ބީލަމަށްވުރެ ގިނައި ހުށަހެޅޭނެ ގޮތަށް އެޗްޑީސީން ގަވައިދަށް އިސްލާހު ގެނެސްފިއެވެ.
އެޗްޑީސީއިން ބުނީ ތިލަފުށިމް ސިނާއީ ބޭނުމަށް ބިން ކުއްޔަށް ނެގުމަށްކުރި އިއުލާނަށް އެ ކުންފުނިން ދެ އިސްލާހެއް ގެނެސްފައިވާ ކަމަށެވެ.
މިގޮތުން ގެނެސްފައިވާ އެއް އިސްލާހަކީ ބީލަށް ހުށަހެޅުމަށް ހުޅުވާލާފައިވާ މުއްދަތުގައި ބީލަން ކާމިޔާބު ކުރުމަށް ހުރިހާ ބައިވެރިންނަށް ވެސް އެއް ބީލަމަށްވުރެ ގިނަ ބީލަން ހުށަހެޅޭނެ ގޮތަށް ގެނެސްފައިވާ އިސްހާލެކެެވެ.
އަދި ހުޅަހަޅާ ކޮންމެ ބީލަމުގެ އަދަދަކީ އެ ވަގުތެއްގައި އެންމެ މަތިން ހުށަހަޅާފައިވާ ބީލަމުގެ އަގަށްވުރެ މަދުވެގެން 15 ރުފިޔާގެ ބޮޑު އަދަދެއް ކަމުގައި ވާންޖެހޭނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެފައި ވެއެވެ.
އެޗްޑީސީއިން ގެނައި ދެވަނަ އިސްލާހަކީ ބީލަށް ހުށަހަޅާ ސްކްރީންގައިވާ ”15+“ އިން އެ ވަގުތެއްގައި އެންމެ މަތިން ބީލަށް ހުށަހަޅާފައިވާ އަގަށް 15 ރުފިޔާ އިތުރުކޮށް ބީލަން ހުށަހެޅުމެވެ.
އޭގެ އިތުރުން ބީލަމުގެ އަދަދު ޖެއްސުމަށް ހާއްސަކޮށްފައިވާ ގޮޅި ބޭނުންކޮށްގެން ވަގުތުގައި އެންމެ މަތިން ހުށަހަޅާފައިވާ އަގަށް 15 ރުފިޔާއަށްވުރެ މަތިން އެ ފަރާތަކުން އިހްތިޔާރުކުރާ ކޮންމެ އަދަދެއް އިތުރުރުކޮށްގެން ބީލަށް ހުށަހެޅޭނެ ކަމަށް ބުނެފައި ވެއެވެ.
ތިލަފުށިން ބިން ކުއްޔަށް ނެގުމަށް ޝައުގުވެރިވާ އަމިއްލަ ފަރާތްތަކާއި، ދިވެހި ކުންފުނިތަކުން ސިޓީއަކުން ނުވަތަ އީމެއިލްއަކުން business@hdc.mv އަށް ހުށަހެޅުމަށް އެދޭ ކަމަށް އެޗްޑީސީން ބުނެއެވެ.

