އިންޑިއާގެ ކެރެލާގައި ފުރާނައަށް ނުރައްކާވާ ބައްޔެއް ފެތުރެމުންދާތީ، ދިވެހީން ސަމާލުވާން އެދިއްޖެއެވެ.
ރާއްޖޭގެ ކޮންސިއުލޭޓް ޖެނަރަލުން ނެރުނު އިއުލާނެއްގައި ބުނީ ކެރެލާގައި ބްރެއިން އީޓިން އެމީބާ އިންފެކްޝަން ފެތުރެމުންދާ ކަމަށާއި، ސިކުނޑިއަށް ޖެހޭ އެ ބައްޔަށް ސަމާލުވުމަށް އެދޭ ކަމަށެވެ.
ވަރަށް އަވަހަށް ހާލަތު ގޯސްވާ މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ފިޓް ޖެހުމާއި ބޮލުގައި ރިއްސުމާއި ހުން އައުމާއި ހޮޑުލުމާއި ކަނދުރާގެ ނާރު އެރުން ހިމެނެއެވެ.
މި ބައްޔަކީ ކަންފަތުން ނުވަތަ ނޭފަތުން ހަށިގަނޑު ތެރެއަށްދާ ޖަރާސީމަކަށްވާތީ ކޯރާއި ސްވިމިން ޕޫލަށް އެރުން ރައްކާތެރި ނޫން ކަމަށް ވެސް ކޮންސިއުލޭޓުން ބުނެއެވެ.
އެފަދަ ތަންތަނަށް އެރޭ ނަމަ، ކަންފަތާއި ނޭފަތަށް ފެން ނޭޅޭ ގޮތަށް އިޔާ ބަޑް ފަދަ ތަކެތި ބޭނުން ކުރަން ކޮންސިއުލޭޓުން އެދިފައިވެއެވެ.
ބްރެއިން އީޓިން އެމީބާ އިންފެކްޝަން އަކީ ފަރުވާއެއްވެސް ނެތް ބައްޔެކެވެ.

