ބޭރު ގައުމެއްގައި އުޅޭއިރު ކޮންމެ ކުއްޖަކު ވެސް، މާތްވެގެންވާ އިސްލާމްދީނުގެ ރިވެތި އަހުލާގުގެ މަތީގައި ދެމިތިބުމަކީ އެންމެ އިސް ވާޖިބު ކަމަށް ހަދަންވާނެ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ ސްކޮލަޝިޕާއި، ހައި އެޗީވާސް ސްކޮލާޝިޕްގެ ލިޔުން ހަވާލު ކުރުމަށް ރޭ ކުރިއަށްދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މާރިޔާ ވިދާޅުވީ، ކުދިންގެ ތައުލީމީ ދަތުރުގެ އާ މަންޒިލަށް ނުކުންނައިރު، ކުދިންގެ ކުރިމަގަށް އޮތް ރާސްތާގެ ދިގު ކަމާއި މުހިންމުކަން ފާހަގަކުރައްވަން ބޭނުންވާ ކަަމަށެވެ.

މިގޮތުން ރާއްޖެއިން ބޭރުގައި ކިޔެވުމަކީ ހަމައެކަނި އިލްމު ހޯދުމަށް ލިބޭ ފުރުސަތަކަށްވުރެ މާ ބޮޑު ކަމެއްކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، އެއީ ކުރިއެރުން ހޯދުމުގެ ދަތުރެއް ކަމަށެވެ.

އަދި އެއީ ތަފާތު ސަގާފަތްތަކުގެ ތެރެއަށް ވަދެ އުނގެނުމަށް އޮތް މަގެއް ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.