ޖަޕާން ސަރުކާރުގެ ޕްރޮޖެކްޓް ފޯ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލާޝިޕް (ޖޭޑީއެސް) ގެ ދަށުން ރާއްޖެއަށް 15.9 މިލިއަން ރުފިޔާގެ ހިލޭ އެހީ ހަދިޔާ ކޮށްފިއެވެ.
މިކަމަށްޓަކައި ފޮރިން މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ވަނީ އެކަމުގެ ”އެކްސްޗޭންޖް އޮފް ނޯޓްސް“ ގައި ސޮއިކޮށްފައެވެ.
މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު މޫސާ ޒަމީރެވެ. ޖަޕާނު ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ރާއްޖޭގައި ހުންނަވާ އެ ގައުމުގެ ސަފީރު ތަކެއުޗި މޮދޮރިއެވެ.
ފޮރިން މިނިސްޓްރީން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނީ ޖަޕާން ސަރުކާރުން މިއަހަރު ރާއްޖެއަށް ހަ ސްކޮލާޝިޕްގެ ފުރުސަތު ދޭނެ ކަމަށެވެ.
އެކަމަށް ހިލޭ އެހީގެ ގޮތުގައި ޖަޕާނުން 161 މިލިއަން ޖަޕަނީސް ޔެން ނުވަތަ 15.9 މިލިއަން ރުފިޔާ ދިނުމަށް ނިންމައިފައިވާ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.

