އެއް ލީޓަރާއި އެއް ލީޓަރަށްވުރެ ކުދި ޕްލާސްޓިކު ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން މަނާ ކުރާ ތާރީހު 2026 ވަނަ އަހަރަށް ފަސްކޮށްފިއެވެ.
ސިންގަލް-ޔޫޒް ޕްލާސްޓިކް ނުވަތަ ޕްލާސްޓިކުން ތައްޔާރު ކޮށްފައިވާ ތަކެތީގެ ތެރެއިން އެއް ފަހަރު ބޭނުން ކޮށްފައި އުކާލެވޭ ޒާތުގެ ތަކެތީގެ ގޮތުގައި ކަނޑައަޅާ އެ ތަކެތި ރާއްޖެއަށް އެތެރެކުރުން މަނާކޮށް އިމްޕޯޓް އެކްސްޕޯޓް ގާނޫނު ތަސްދީގު ކުރައްވާފައިވަނީ 2020 ވަނަ އަހަރުއެވެ.
އެގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ނެރުއްވި ގަރާރުގައި ރައީސް މުއިއްޒު ވަނީ ޕްލާސްޓިކް ކުދި ފެންފުޅި މަނާކުރާ ތާރީހު މިއަހަރުގެ އޮގަސްޓު މަހުގެ 1 ވަނަ ދުވަހު (މިއަދު)ގެ ނިޔަލަށް ފަސްކޮށްފައެވެ.
ރައީސް ޑރ.މުހައްމަދު މުއިއްޒު ސޮއި ކުރައްވާ އިއްޔެ ނެރުއްވި ގަރާރުގައި ވިދާޅުވެފައު ވަނީ އެއް ލީޓަރާއި އެއް ލީޓަރަށް ވުރެ ކުދި 500 މިލިމީޓަރުގެ ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން ރާއްޖެ އަށް އެތެރެކުރުމާއި އުފެއްދުން ވެސް އަންނަ އަހަރުގެ ޑިސެމްބަރު އެކަކުން ފެށިގެން މަނާ ވާނެ ކަމަށެވެ.
އަދި ބާޒާރަށް ނެރުން މަނާ ވާނީ މާޗު 1، 2026 އިން ފެށިގެން ކަމަށް އެމަނިކުފާނުގެ ގަރާރުގައިވެއެވެ.
އެ ލިސްޓުގައި ހިމެނޭ ބާކީ 13 ބާވަތް މިހާރު ވަނީ މަނާކޮށްފައެވެ.

