ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިހު ހަސީނާ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

އެކަމަނާ އިސްތިއުފާ ދެއްވާ، ގައުމު ދޫކުރައްވައި ވަޑައިގެންފައިވަނީ އަސްކަރީ ހެލިކޮޕްޓަރެއްގައެވެ.

ހަސީނާ އިސްތިއުފާ ދެއްވިއިރު، ސަރުކާރުން ކަނޑައަޅާފައިވާ ވަޒީފާގެ ކޯޓާއާ ދެކޮޅަށް ކޮލެޖް ދަރިވަރުން ކުރަމުންދިޔަ މުޒާހަރާތައް އޮތީ ވަރަށް ބޮޑަށް ހޫނުވެފައެވެ.

ބަންގްލަދޭޝްގެ އާމީ ޗީފް ޓީވީ މެދުވެރިކޮށް ބުނެފައިވަނީ ބޮޑުވަޒީރު ޝައިޚް ޙަސީނާ އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.

އަދި ގައުމު ހިންގުމަށް ވަގުތީ ސަރުކާރެއް ވަރަށް އަވަހަށް އެކުލަވާލާނެ ކަމަށެވެ.

މިދިޔަ މަހުން ފެށިގެން ބަންގްލަދޭޝްގައި ކުރިއަށްދާ މުޒާހަރާތަކުގައި 300 އަށްވުރެ ގިނަ މީހުން ވަނީ މަރާލާފައެވެ.

ދަރިވަރުން މުޒާހަރާ ކުރަމުންދަނީ ބަންގްލަދޭޝްގެ މިނިވަން ކަމަށް ކުރި ހަނގުރާމައިގައި ބައިވެރިވި އެގައުމުގެ ސިފައިންގެ އާއިލާތަކަށް ސަރުކާރުގެ ވަޒީފާތަކުގެ 30 ޕަސެންޓު ދޭންޖެހޭގޮތަށް ކަނޑައަޅާފައި އޮންނަ އޮތުމާ ދެކޮޅަށެވެ.