މެދުއިރުމަތީގެ މަސްރަހާއި ގުޅޭ ގޮތުން އޮގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން ބާއްވާ ހާއްސަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ސައުދީ އަރަބިޔާއަށް ފުރާވަޑައިގަންނަވައިފިއެވެ.

މިކަމާއި ގުޅޭގޮތުން ފޮރިން މިނިސްޓްރީން ބުނީ، ސައުދީ އަރަބިޔާގެ ޖިއްދާގައި ބާއްވާ އެ ބައްދަލުވުމަކީ ފަލަސްތީނުގެ ބިންތައް އިޒްރޭލުން ހިފުމާއި ހަމާސް ޖަމާއަތުގެ ސިޔާސީ ގޮފީގެ ވެރިޔާ އިސްމާއިލް ހަނިއްޔާ އަވަހާރަކޮށްލުމާ ގުޅޭ ގޮތުން ފަލަސްތީނާއި އިރާނުގެ ދައުވަތަކަށް އޯއައިސީގެ އެގްޒެކްޓިވް ކޮމިޓީން ފޮރިން މިނިސްޓަރުންގެ ފެންވަރުގައި ބާއްވަން ނިންމި ބައްދަލުވުމެއް ކަމަށެވެ.

އޯއައިސީގެ މިބައްދަލުވުމުގެ އެޖެންޑާގައި ހިމެނޭ މައިގަނޑު މައްސަލަތަކުގެ ތެރޭގައި އިޒުރޭލުން ފަލަސްތީންގެ ޣައްޒާގައި ދެމުންދާ ލާއިންސާނީ ހަމަލާތަކާއި، އިރާނާއި އިޒުރޭލާ ދެމެދު ހަނގުރާމައެއް ފެށިއްޖެނަމަ އޯއައިސީގެ ގައުމުތަކުން ކަންކަން ކުރާނެ ގޮތަކާ މެދު މަޝްވަރާކުރުން ހިމެނޭއިރު، މި މައްސަލަތަކާ ގުޅޭގޮތުން ދިވެހި ސަރުކާރުން ދެކޭ ގޮތްތައް މިނިސްޓަރު ޒަމީރު ދެއްވާ ތަގުރީރުގައި ހާމާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސް، މަސްއޫދު ޕެޒެޝްކިއާން ގެ ހުވާކުރެއްވުމަށް އީރާނަށް ވަޑައިގެން ހުންނަވަނިކޮށް ހަމާސް ޖަމާއަތުގެ ސިޔާސީ ގޮފީގެ ލީޑަރު އިސްމާއީލް ހަނިއްޔާ އަވަހާރަކޮށްލުމާއި ގުޅިގެން މެދު އިރުމަތީގެ ހާލަތު ވަނީ ގޯސްވެފައެވެ.