ޕާކިސްތާނަށް ކުރަމުން އަންނަ މޫސުމީ ވިއްސާރައިގެ ސަބަބުން ހިނގަމުން އަންނަ ފެންބޮޑުވުމުގެ ހާދިސާތަކުގައި ހާހަކާ ގާތްކުރާ އަދަދަކަށް މީހުން މަރުވެ، އެގައުމުގެ ސަރުކާރުން ނެޝަނަލް އިމަޖެންސީ އިއުލާނު ކޮށްފިއެވެ.

Ads by Asuru

ޖޫންމަހުން ފެށިގެން ޕާކިސްތާނަށް ވަރަށް ބޮޑަށް ވިއްސާރަ ކުރަމުން އަންނައިރު، މިހާތަނަށް 937 މީހަކު، ފެންބޮޑުވުމުގެ ހާދިސާތަކާ ގުޅިގެން މަރުވެފައިވާ ކަމަށް ބައިނަލްއަގްވާމީ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އެގައުމުގެ ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން، މިހާރު ކުރަމުން އަންނަ ވިއްސާރަ ސިފަކޮށްފައިވަނީ، ފަހުގެ ތާރީހެއްގައި އެންމެ ބޮޑަށް ޕާކިސްތާނަށް ގެއްލުން ލިބުނު، 2010 ވަނަ އަހަރުގެ ފެންބޮޑުވުމާއި، މިފަހަރު އެއްގޮތް ކަމަށް ބުނަމުންނެވެ.

މޫސުން މާބޮޑަށް ގޯސްވެ، އެގައުމުގެ ޕްރައިމް މިނިސްޓަރު ޝެހެބާޒް ޝަރީފު ޔޫކޭއަށް ކުރައްވަން ހަމަޖެހިފައި އޮތް ދަތުރުފުޅު ވަނީ ފަސްކުރައްވާފައެވެ. އެމަނިކުފާނު ގެންދަވަނީ، މިހާރުގެ ހާލަތުން އަރައިގަތުމަށްޓަކައި އެކުވެރި ގައުމުތަކުގެ އެހީތެރިކަމަށް އެދިލައްވަމުންނެވެ.