ކައިރި މުސްތަގްބަލެއްގައި ޖަޕާނަށް ވަރަށް ބާރު ގަދަ ބިންހެލުމެއް އަތުވެދާނެ ކަމުގެ އިންޒާރު ޖަޕާން މީޓިއޮރޮލޮޖިކަލް އެޖެންސީ (ޖޭއެމްއޭ) އިން ދީފިއެވެ.
ބުރާސްފަތި ދުވަހުގެ ރޭ، އެ ގައުމުގެ މޫސުމާ ބެހޭ އެޖެންސީން މިފަދަ އިންޒާރެއް ދީފައި ވަނީ، ޖަޕާނުގެ ހުޅަނގު ދެކުނުގައި އޮންނަ މިޔަޒާކީ އަށް 7.1 މެގްނިޓިއުޑްގެ ބާރު މިނުގައި ބިންހެލުމެއް އައުމާ ގުޅިގެންނެވެ.
މި ބިންހެލުމާ ގުޅިގެން 9 މީހަކަށް އަނިޔާ ކަމުގައި ވިޔަސް، މާބޮޑު ގެއްލުންތަކެއް ނުލިބެއެވެ.
ބިންހެލުމަށްފަހު ނެރުނު ސުނާމީގެ އިންޒާރު ވެސް ފަހުން އުވައިލިއެވެ.
ނަމަވެސް، މި ބިންހެލުމާއެކު ބާރު ގަދަ އިތުރު ބިންހެލުމެއް އައުން ގާތް ކަމަށް ތަޖުރިބާކާރުން ބުނެއެވެ.
ޖަޕާންގެ އިރުމަތީ އައްސޭރީގައިވާ ނަންކައި ޓްރަފަށް ކުރިއަށް އޮތް ވިއްސަކަށް އަހަރުގެ ތެރޭގައި ވަރަށް ބާރުގަދަ ބިންހެލުމެއް އަތުވެދާނެ ކަމަށް އެ ގައުމުގެ މޫސުމީ އެކްސްޕާޓުން ލަފާކޮށްފައިވެއެވެ.
މިޔަޒާކީއާ އައި ބިންހެލުމާއެކު، ކުރިން ލަފާ ކުރި ބާރު ގަދަ ބިންހެލުން އަވަސް ވެދާނެ ކަމަށް ވަނީ ބެލެވިފައެވެ.
ޖަޕާނުގެ މީޓިއޮރިލިޖިކަލް އެޖެންސީގެ އޮފިޝަލް، ސުންޔާ ސުކަޑާ ވިދާޅުވީ، ކުރިއަށް އޮތް 30 ވަރަކަށް އަހަރުގެ ތެރޭގައި 8 ނުވަތަ 9 މެގްނިޓިއުޑްގެ ”މެގަކުއޭކް“އެއް އައުމުގެ ފުރުސަތު 70 އިންސައްތަ އިތުރު ކަމަށް ބުނުމަކީ އެފަދަ ބިންހެލުމެއް އަތުވެދާނެ ވަގުތު ހާމަ ކުރުމެއް ނޫން ކަމަށެވެ. އަދި މިއީ ކޮން އިރަކު ހިނގާނެ ކަމެއްކަން ބުނެދޭން ނޭނގޭ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
މިފަދަ ބާރު ގަދަ ބިންހެލުމެއް އަތުވެއްޖެނަމަ، ސުނާމީ އަރައި 200،000 މީހުން މަރުވުމުގެ ފުރުސަތު އޮތް ކަމަށް މާހިރުން ލަފާ ކުރެއެވެ.
ނަންކައި ޓްރަފަށް އެންމެ ފަހުން ބާރު ގަދަ ބިންހެލުމެއް އައިސްފައި ވަނީ 1946 ވަނަ އަހަރުގައެވެ. މީގެ ކުރިން އެ ސަރަހައްދަށް އައި ބިންހެލުންތަކުގައި އެތައްހާސް ބަޔަކު މަރުވެފައިވެއެވެ. މިފަދަ ބާރު ގަދަ މެގަކުއޭކްތައް އަންނަނީ ވަރަށް ދުރު ދުރުންނެވެ. އެގޮތުން ކޮންމެ 90 ނުވަތަ 200 އަހަރުގެ ތެރޭގައި، މެގަކުއޭކެއް އައުމުގެ ފުރުސަތު އޮވެއެވެ.
ޖަޕާނަކީ އާއްމުކޮށް ބިންހެލުންތައް އަންނަ ގައުމެކެވެ. މި އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހު އެ ގައުމުގެ ނޯޓޯ ސަރަހައްދަށް އައި ބިންހެލުމުގައި 240 މީހުން މަރުވިއެވެ.

