އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބާ ދިމާކޮށް ހަމައެކަނި ފެނަކައިން އެކަނިވެސް 2،000 ވަޒީފާ ދިން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެއެވެ.

Ads by Asuru

ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފެކްޝަނުން ވާދަކުރެއްވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވަނީ ކާމިޔާބު ކުރައްވައިފައެވެ.

އެ މަގާމަށް ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުން ވާދަކުރެއްވި، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީގެ ކެމްޕެއިން ޓީމުން ވަނީ، ފައްޔާޒު އިންތިހާބު ކާމިޔާބު ކުރެއްވީ ނުފޫޒު ފޯރުވައިގެން ކަމަށް މީގެ ކުރިންވެސް ތުހުމަތު ކޮށްފައެވެ.

މިކަމާ ގުޅޭގޮތުން ސަންގު ޓީވީގައި ވާހަކަ ދައްކަވަމުން ބޮންޑެ ވިދާޅުވީ އިންތިހާބާ ދިމާކޮށް ފެނަކައިން އެކަނިވެސް 2،000 ވަޒީފާ ދިން ކަަމަށާއި، އިންތިހާބު ކިހާ ވަރަކަށް އިންސާފުވެރިކަން އޮތީ ފެންނާން ކަމަށެވެ.

ރައްޔިތުންނަށް ވަޒީފާ ދިނުމަކީ ކުރަން ޖެހޭ ކަމެއް ނަމަވެސް، ކަމަކަށް ބޭނުންވުމުން އެކަން ކުރުމަކީ ރަނގަޅު ގޮތެއް ނޫން ކަަމަށްވެސް ވިދާޅުވިއެވެ.

ބޮންޑެ ވިދާޅުވީ ”ހިންގާލަން“ ޓީމަށް އެމްޑީޕީގެ އެތެރޭގެ އިންތިހާބު ކާމިޔާބު ކޮށްދިނުމަށްޓަކައި ކުންފުނިތަކުން ވަރަށް މަސައްކަތް ކުރި ކަމަށެވެ.

ފެނަކައާ ރޯޑް ކޯޕަރޭޝަނާއި، މިހެންގޮސް ސްޓެލްކޯއާއި، މިތަންތަނުން، ވަރަށް ކެމްޕެއިން، ވަރަށް ބޮޑަށް މަސައްކަތް ކުރި. އެހެންވީމަ، ހާއްސަ ޝުުކުރެއް އަޅުގަނޑު އަދާކުރަން ހަމަ، ރޯޑް ކޯޕަރޭޝަނަށްވެސް، ފެނަކައަށްވެސް.

ފޯރިގަދަ ކެމްޕެއިނަކަށް ފަހު އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ހޯދީ ޖުމްލަ ވޯޓުގެ 58 އިންސައްތަ ކާމިޔާބުކޮށްގެންނެވެ. އޭނާއާ ވާދަކުރެއްވި އިމްތިޔާޒް ފަހުމީއަށް ލިބުނީ ޖުމްލަ ވޯޓުގެ 42 އިންސައްތައެވެ.