ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ފޮރިން އިންވެސްޓްމަންޓް ބިލަކީ 45 އަހަރު ވެފައިވާ ފޮރިން އިންވެސްޓްމަންޓާބެހޭ ގާނޫނަށް ގެނެވޭ ޒަމާނީ ބަދަލެއް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ފޮރިން އިންވެސްޓްމަންޓް ބިލަކީ 1979 ވަނަ އަހަރު އަމަލުކުރަން ފެށި ފޮރިން އިންވެސްޓްމެންޓާބެހޭ ގާނޫނުގެ ބަދަލުގައި، އައު ޒަމާނީ ގާނޫނެއް ތައާރަފް ކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލެކެވެ.

 

ބިލުގެ މަގްސަދަކީ ދިވެހި ރާއްޖޭގައި ބޭރުގެ ފަރާތްތަކަށް އިންވެސްޓް ކުރެވޭނެ ދާއިރާތައް ކަނޑައެޅުމުގެ އުސޫލުތަކާއި، އެފަދަ ފަރާތްތަކަށް ރާއްޖޭގައި އިންވެސްޓް ކުރުމުގެ ލައިސެންސް ދިނުމާއި، އެފަރާތްތަކަށް ގާނޫނީ ރައްކާތެރިކަށް ކަށަވަރުކުރުމެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ މި ބިލަކީ 45 އަހަރު ވެފައިވާ ގާނޫނަކަށް އަންނާނެ ހެޔޮ ބަދަލެއް ކަމަށެވެ.

 

މި ބިލުން އިންވެސްޓަރުންނަށް ފަހި މާހައުލެއް ގާއިމު ކޮށްދީ، ގާނޫނީ ރައްކާތެރިކަން ކަށަވަރުކޮށް، އިގްތިސާދީ ކުރިއެރުން ލިބިގެންދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ފޮރިން އިންވެސްޓްމެންޓް ބިލު އެކުލަވާލިއިރު، އިންވެސްޓަރުން ހިމާޔަތްކޮށްދީ އިންވެސްޓްމެންޓް ރައްކާތެރިކުރުމަށް ހާއްސަ މާއްދާތަކެއް ވަނީ ހިމަނާފައެވެ.

 

އެގޮތުން ރާއްޖޭގައި ގާއިމު ކުރެވޭ އިންވެސްޓްމަންޓްތަކާއި އިންވެސްޓްމަންޓްތަކާއި، އެ އިންވެސްޓްމަންޓުގެ ފައިދާއަށް ފުރިހަމަ ހިމާޔަތާއި ރައްކާތެރިކަން ލިބިގެންވާކަމާއި، އިންވެސްޓްމަންޓްތަކާއި ގުޅިގެން އަމަލުކުރަންވާނީ ދެފުށް ފެންނަ، ހާމަކަންބޮޑު ސިޔާސަތެއްގެ ދަށުން ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.