މިހާރު ދުނިޔޭގެ ގައުމުތަކުގައި ފެތުރެން ފަށާފައިވާ މަންކީ ޕޮކްސް ރާއްޖެއަށް އެތެރެވުމުގެ ފުރުސަތު އޮތް މިންވަރު ދެނެގަތުމުގެ މަސައްކަތް ފަށައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭއި)އިން ބުނީ، އެ އެބަލި ރާއްޖެއަށް އެތެެރެވުމުގެ ފުރުސަތު އޮތް މިންވަރު ދެނެގަތުމަށާއި، ރާއްޖޭގައި ބައލި ފެތުރުން ކޮންޓްރޯލް ކުރުމަށާއި، ބައްޔަށް ޓެސްޓުކުރުމާއި، ފަރުވާދިނުމަށް ވާންޖެހޭ ތައްޔާރުވާން ފަށާފައިވާ ކަމަށެވެ.
އަދި މަކުނު ވިދުރިއަށް ސިއްހީ ހިދުމަތްތެރިން އަހުލުވެރިކުރުމާއި، ސަވައިލެންސް ހަރުދަނާ ކުރުމުގެ މަސައްކަތްތައްވެސް ފަށާފައިވާ ކަމުގައި އެޗްޕީއޭއިން ބުނެފައިވެއެވެ.
މަކުނު ވިދުރިއަކީ، ދުނިޔޭގެ ފެންވަރުގައި އާއްމު ސިއްހަތަށް ހުރި ނުރައްކަލެއް ކަމުގައި ކަނޑައަޅައި، އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު، ޑަބްލިޔުއެޗްއޯއިން އިއުލާނުކުރީ މިމަހުގެ 14 ވަނަ ދުވަހުގައެވެ.
އާންމު ގޮތެއްގައި އެމްޕޮކްސް އަކީ ބަލިޖެހިފައި ހުރި މީހެއްގެ ފަރާތުން އެހެން މީހަކަށް ބަލި ފެތުރުމުގެ ފުރުސަތު ކުޑަ ވައިރަހެކެވެ.
އަދި ބަލި އާންމުގޮތެއްގައި ޖެހެނީ އެ ބަލި ޖެހިފައިވާ ޖަނަވާރެއްގެ ފަރާތުންނެވެ. މި ޖަނަވާރުތައް އާންމުގޮތެއްގައި ފެންނަނީ ހުޅަނގު މެދުތެރޭ އެފްރިކާއިންނެވެ.
އެހެންނަމަވެސް ރާމާމަކުނުގެ ފަރާތުން ފެންނަ މި ބަލި، ގައިގޯޅިވުމުންނާއި، ޖިންސީ ގުޅުމުގެ ޒަރީއާއިންވެސް އެއް އިންސާނެއްގެ ގައިން އަނެއް އިންސާނެއްގެ ގަޔަށް ފެތުރެއެވެ.

