މާލެ ސިޓީ ކައުންސިލަކީ ތަރައްގީއަށް އަބަދުވެސް ވަރަށް ތާއީދު ކުރާ ބައެއް ކަަމަށް މާލޭގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

މޭޔަރު މިފަދައިން ވިދާޅުވެފައިވަނީ މާލޭގެ މަގު ހެދުމުގެ މަޝްރޫއުގެ ފެށުން ފާހަގަކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތަށްފަހުގައި މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައެވެ.

މޭޔަރު ވިދާޅުވިގޮތުގައި، ހިޔާލުތަފާތުވުންތައް ހުރިނަމަވެސް، އަދި ސިޓީ ކައުންސިލުން އެދޭގޮތަށް ބައެއް ފަހަރު ކަންކަން ނުވި ނަމަވެސް، މާލޭގެ ރައްޔިތުންނަށް ކުރިއެރުން ލިބޭ ކަންކަމުގައި އެ ކައުންސިލުން އުފަލާއެކުގައި ދެވެން އޮތް އެއްބާރުލުމެއް ދޭނެ ކަމަށެވެ.

މާލެ ސިޓީ ކައުންސިލް އަތުން މާލޭގެ މަގު ހެދުމުގެ މަޝްރޫއު އަތުލާ ޕްލޭނިންގް މިނިސްޓްރީ އާއި ހަވާލުކޮށްފައިވަނީ މިއަހަރުއެވެ.

ނަމަވެސް ނިމިދިޔަ ކައުންސިލާއި އާރްޑީސީ އާއި ދެމެދު މަގު ހެދުމަށް އެއްބަސްވުމެއްގައި ވަނީ ސޮއި ކޮށްފައެވެ.

އަދި އޭރު ސޮއިކުރެވުނު އެއްބަސްވުމުގެ ސްކޯޕަށް ބަދަލުތަކެއް ގެނެސް 4 ވަނަ ދައުރުގެ ކައުންސިލުން ވަނީ އަލުން އެއްބަސްވުމަށް ގެނެވުނު ބަދަލުތަކާއި އެކު ސޮއިކޮށްފައެވެ.

މާލެ ސިޓީ ކައުންސިލުން އާރްޑީސީ އާއި ހަވާލުކޮށްގެން އަމީނީ މަގު ހެދުމަަށް ނިންމާފައިވަނީ 39 މިލިއަން ރުފިޔާ އަށެވެ.

އެހެންނަމަވެސް ޕްލޭނިންގ މިނިސްޓްރީން ވަނީ އެ މަޝްރޫއު މާލެ ސިޓީ ކައުންސިލްގެ އަތުން ނަގައި 84 މިލިއަން ރުފިޔާއަށް އަލުން އާރްޑީސީ އާއި ހަވާލު ކޮށްފައިކަން ފާހަގަކޮށްލެވެއެވެ.