މާލޭ ސިޓީ ކައުންސިލުން ބުޅާ ގެންގުޅޭ މަރުކަޒަކާއި ޖަނަވާރުންނަށް ފަރުވާދޭ ކްލިނިކެއް ވިލިމާލޭގައި ގާއިމްކުރުމަށް ނިންމައިފިއެވެ.

Ads by Asuru

މިގޮތަށް ނިންމީ، އެ ކައުންސިލުން އިއްޔެ ބޭއްވި ރަސްމީ އާންމު ބައްދަލުވުމުގައި ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 13 މެމްބަރުންގެ ތެރެއިން 12 މެންބަރުންގެ ވޯޓުންނެވެ.

އެކަމާ ދެކޮޅަށް ވޯޓު ދެއްވީ ވިލިމާލޭ ދާއިރާގެ މެންބަރު ނަހުލާ އަލީ އެކަންޏެވެ.

ވިލިމާލޭގައި ކެޓް ޝެލްޓާއަކާއި ވެޓް ކްލިނިކެއް ގާއިމުކުރުމާ ގުޅޭ ގޮތުން މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މާލޭގައި ބުޅާ ގިނަވުމުގެ މައްސަލައަކީ ބޮޑު މައްސަލައެއް ކަމަށެވެ.  އެކަން ހައްލުނުކުރާތީ ގިނަ ބައެއްގެ ޝަކުވާ ލިބެމުންދާ ކަމަށްވެސް މޭޔަރު ވަނީ ފާހަގަކުރައްވާފައެވެ.

މުއިއްޒު ވިދާޅުވީ ވިލިމާލޭގައި ކެޓް ޝެލްޓާއަކާއި ވެޓް ކްލިނިކެއް ގާއިމު ކުރަން ނިންމާފައި ވަނީ މާލެއަކީ ވަރަށް ތޮއްޖެހިފައިވާ އަދި ބިމުގެ ދަތިކަން ކުރިމަތިވެފައިވާ ތަނަކަށް ވާތީ، އެކަހަލަ ތަނެއް މާލޭގައި އެޅުމަކީ އުނދަގޫ ކަމަކަށް ވާނެތީ ކަމަށެވެ.