ދިވެހި ދައުލަތުގެ ސައްތައިންސައްތަ ހިއްސާވާ ކުންފުންޏެއް ކަމުގައިވާ، މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ސަބްސިޑަރީ ކުންފުންޏެއް ކަމުގައިވާ އޯޝަން ކަނެކްޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ބައިނަލްއަޤުވާމީ ސަބްމެރިން ކޭބަލް ސިސްޓަމް މަޝްރޫއު އިތުރު ބަދަލެއް ނުގެނެސް ކުރިޔަށް ގެންދަވަން ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
ރައީސް މުއިއްޒު މިގޮތަށް ނިންމެވީ މި މަޝްރޫއު އިތުރަށް ކުރިޔަށް ގެންދާނެ ގޮތަކާ ގުޅޭގޮތުން މިނިސްޓްރީ އޮފް ފިނޭންސުން އިއްޔެ ވަޒީރުންގެ މަޖިލީހަށް ހުށަހެޅުއްވި ކަރުދާހަށް މަޝްވަރާކުރެއްވުމަށް ފަހުގައެވެ.
އެގޮތުން ވަޒީރުންގެ މަޖިލީހުން ނިންމަވާފައި ވަނީ މި މަޝްރޫޢަށް އިތުރަށް ބޭނުންވާ ލޯނު ފައިސާ ހަމަޖެއްސުމަށްޓަކައި އިކުއިޓީއަށް ދައްކަންޖެހޭ 2.92 މިލިޔަން ޑޮލަރު ސަރުކާރުން ފައިނޭންސްކޮށް، ލޯނުގެ ފައިސާ މި މަސައްކަތަށް އިންވެސްޓްކޮށް، ކުރިއަށް ގެންގޮސް ނިންމެވުމަށެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ”ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު“ މިނިސްޓްރީ އޮފް ހެލްތުގެ މެންޑޭޓުގެ ތެރެއިން ހިންގަވާގޮތަށްވެސް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ނިންމަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމަވާފައި ވަނީ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ހިންގުމާއި ބެލެހެއްޓުމުގެ ޒިންމާ ބަދަލުކުރުމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން، ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށް ފަހުގައެވެ.
އަދި މިގޮތަށް ހަމަޖައްސަވާއިރު، އެ މަރުކަޒު ހިންގެވުމަށް ކަނޑައަޅުއްވާފައިވާ ބަޖެޓާއި، މަރުކަޒުގެ މަސައްކަތްތަކާ ހަވާލުވެ ތިއްބެވި މުވައްޒަފުން މިނިސްޓްރީ އޮފް ހެލްތުގެ ދަށަށް ބަދަލުކުރެއްވުމަށްވެސް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފައެވެ.

