ގާނޫނީ ވެރިކަން ޣައިރު ގާނޫނީކޮށް ބަދަލު ކުރަން މަސައްކަތް ކުރި ކަމަށް ތުހުމަތުކޮށް ދިވެހި ފުލުުހުންގެ ހިދުމަތުން ފެށި ތަހުގީގު މިހާރު ވެސް ކުރިއަށް ދާކަމަށް ފުލުހުން ބުނެފިއެވެ.

މިކަމާ ގުޅޭގޮތުން ދިވެހި ފުލުހުންގެ ހިދުމަތުން މިއަދު ވަނީ މީޑިއާތަކާ މެސެޖެއް ހިއްސާކޮށްފައެވެ.

ފުލުހުން ބުނީ މިކަމާ ގުޅިގެން މި މަހުގެ 26 ގައި އެ ހިދުމަތުން ނެރުނު ނޫސް ބަޔާނުގައި ފާހަގަކޮށްފައިވާ ކަންކަމާ ގުޅިގެން ކުރިއަށް ގެންދާ ތަހުގީގުގައި، ހޯދަންޖެހޭ އެންމެހައި މައުލޫމާތު އެއްކުރުމާއި، ބަލަންޖެހޭ އެންމެހައި ކަންކަން ތަފްސީލުކޮށް ދިރާސާކުރުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށެވެ.

އަދި މި މައްސަލައިގައި ފިޔަވަޅު އަޅަންޖެހޭ ފަރާތެއްވާނަމަ އެކަން ދެނެގަތުމާއެކު، ތަހުގީގު މަރުޙަލާގައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ވެސް ކުރަމުންދާކަމަށް ފުލުހުން ބުނެފައިވެއެވެ.

 

ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ސަރުކާރުގެ މައި ހިއްސާ އޮންނަ ބޭންކުން ސަރުކާރުގެ މަޝްވަރާއާ ހިލާފަށް ދިވެހި ގިނަ ރައްޔިތުންނަށް ކުއްލި ސިހުމެއް ލިބޭފަދަ ނިންމުންތަކެއް ނިންމި ވަގުތާ ދިމާކޮށް ސިޔާސީ ފަރާތްތަކުން ސަރުކާރުގެ މާލީ ހާލަތާ ބެހޭ ގޮތުން ނޫސްވެެރީންގެ ބައްދަލްވުމެއް ބާއްވައި ހަމަ އެވަގުތު ސޯޝަލް މީޑިއާގައި އެތައް ސަތޭކަ ބޮޓް އެކައުންޓް ބޭނުންކޮށް ސަރުކާރު ވައްޓާލަން މަގުތަކަށް ނިކުތުމަށާއި އާންމު ހަމަޖެހުން ނަގާލުމަށް ގޮވާލާ ގައުމުގެ މަސްލަހަތު ނަގާލުމަށް ހިތްވަރުދީ ހަދާފައިވާ ކަމަށެވެ.

ބީއެމްއެލްގެ ރުފިޔާ ކާޑުތަކުން ޑޮލަރު މުއާމަލާތްތައް އެއްކޮށް ކަނޑާލަން އާދިއްތަ ދުވަހު ނިންމިއެވެ. ނަމަވެސް އެ ބޭންކުން ފަހުން އެ ނިންމުން ބަދަލު ކުރިއެވެ. މިއީ ސަރުކާރުގެ މަޝްވަރާއާ ހިލާފަށް ނިންމި ނިންމުމެއް ކަމަށް އިގްތިސާދީ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެފައިވެއެވެ.