އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުގައި ސަދަގާތް ކުރުމަށް ހާއްސަ ޕޭޖެއް ހަަދައި އޮންލައިންކޮށް ސަދަގާތް ކުރެވޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.
އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުގައި ސަދާގާތް ދިނުމަށް ހާއްސަ ޕޭޖުން ސަދަގާތަކާއި ގުޅޭ ޚަބަރުތަކާއި، އެކި ފަރާތްތަކުގެ ދީލަތި އެހީތެރިކަމާއެކު ގާއިމްކުރާ މިސްކިތްތަކުގެ މަޢުލޫމާތާއި ފަންޑުތަކުގެ ރިޕޯޓު ލިބޭނެއެވެ.
އޮންލައިންކޮށް ސަދަގާތް ކުރެވޭނެ ގޮތް ހަމަޖެހިގެން ދިޔުމާއެކު އިސްލާމިކް މިނިސްޓްރީ މެދުވެރިކޮށް ގުރުއާން ހިފްޒު ކުލާސްތަކަށް އެހީވުމަށާއި، އުމްރާއަށް ފޮނުވުމަށް އެހީވުމާއި، އިސްލާމީ ދާއިރާތަކުން މަތީ ތަޢުލީމަށް އެހީވެވޭނެއެވެ.
އަދި އިސްލާމީ ލައިބްރަރީތައް ގާއިމްކުރުމަށް އެހީވުމަށާއި، މިސްކިތް ބިނާކުރުމަށް އެހީވުމަށާއި، ގުރުއާން ހިތުދަސްކޮށް ނިންމާ ފަރާތްތައް އުމްރާއަށް ފޮނުވުމަށާއި، ދީނީ ހަރަކާތްތަކަށް ސްޕޮންސަރ ދިނުމުގެ އިތުރުން މިސްކިތްތަކަށް އެހީވުމަށް ސަދަގާތް ކުރެވޭނެއެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވަނީ ސަދަގާތް ކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވައިލައްވާފައެވެ.
މިނިސްޓަރު ޝަހީމް ވަނީ ދީނީ އެކި ކަންކަމަށް ވީހާވެސް ގިނަ ފަރާތްތަކުން އެހީތެރިކަން ފޯރުކޮށްދެއްވުމަށް އެދިލައްވާފައެވެ.

