ޑޮލަރުން ޓެކްސް ނަގާ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމާއެކު ދައުލަތުގެ އާމްދަނީއަށް 80-40 މިލިއަން ޑޮލަރު އިތުރުވެގެންދާނެ ކަމަށް ލަފާ ކުރެވޭ ކަމުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ޑޮލަރުން އާމްދަނީ ލިބޭ ވިޔަފާރިތަކުން އިންކަމް ޓެކްސް، ޕެންޝަން އަދި ކަސްޓަމްސް ޑިއުޓީ ޑޮލަރުން ނެގުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.
ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ މި ނިންމުންތަކާ ގުޅޭ ގޮތުން ކުރެވުނު ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ސައީދު ވިދާޅުވީ އެކަމަށް ބޭނުންވާ ގާނޫނީ އިސްލާހުތައް އަވަހަށް ތަންފީޒު ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އަދި މި ބަދަލުތަކާއެކު ދައުލަތުގެ އާމްދަނީއަށް އިތުރުވާ ބޭރު ފައިސާގެ އަދަދަށް ރަނގަޅު ކުރިއެރުމެއް ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
”އޭގެތެރޭގައި 80-40 މިލިއަން ޑޮލަރާ ދޭތެރޭގެ އަދަދުތަކެއް ހުރީ. އެ ބޭންޑުގެ ތެރޭގައި އަޅުގަނޑުމެންނަށް އަންދާޒާ ކުރެވޭ އިތުރުވާ ފޮރިން ކަރަންސީ އިތުރުވެގެންދާނެ ކަމަށް.“ ސައީދު ވިދާޅުވިއެވެ.
ގާނޫނަށް މި ބަދަލު ގެންނާނީ ފޮރިން އިންވެސްޓްމެންޓުގެ ދާއިރާއިން ރާއްޖޭގައި ވިޔަފާރި ކުރާ ފަރާތްތަކާ މަޝްވަރާ ކުރުމަށް ފަހު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖޭގައި 950 އެއްހާ ފޮރިން އިންވެސްޓްމަންޓް ހުރި އިރު، އޭގެތެރެއިން 500 އަށް ވުރެ ގިނަ އިންވެސްޓްމަންޓުތަކަކީ ޓޫރިޒަމްއާ ގުޅުންހުރި އިންވެސްޓްމަންޓުކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ ސަރުކާރުން ކުރިއަށް ދާނީ ގައުމުގެ އާންމު ބޮޑު މަސްލަހަތާއި ވިޔަފާރިވެރިންގެ އަޑުއަހައިގެން ހުރިހާ މަސްލަހަތުތަކެއް ހިމާޔަތް ކުރެވޭ ގޮތަށް ކަމަށެވެ.

