ދިވެހިރާއްޖޭގައި ސީޕްލޭންގެ ހިދުމަތް ދިނުމަށް ބޭނުންވާ ގަވާއިދުތައް އެކުލަވާލުމަށް ސައުދީ އަރަބިއްޔާގެ ސިވިލް އެވިއޭޝަން އޮތޯރިޓީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިއެއްބަސްވުން އެކުލަވާލާފައިވަނީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިހާރު ސައުދީ އަރަބިއްޔާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަމީންއެވެ. އަދި ސައުދީ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ލޮޖިސްޓިކްސް، ޞާލިހު ބިން ނާސަރު އަލް ޖައްސަރެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މިއެއްބަސްވުމުގެ ދަށުން ރާއްޖޭގެ ސީޕްލޭން އޮޕަރޭޝަން ހަރުދަނާކޮށް ބައިނަލްއަގުވާމީ މިންގަނޑުތަކާއެއްގޮތަށް ސަލާމަތީގޮތުން ކަށަވަރުކުރަންޖެހޭ ކަންކަން ބެލެހެއްޓުމަށް އެކުލަވާލަންޖެހޭ ގަވާއިދުތައް އެކުލަވާލުމުގައި ފަންނީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.
މިނިސްޓަރު އަމީން ސައުދި އަރަބިއްޔާއަށް ވަޑައިގަންނަވާފައިވަނީ، ސަޢުދީގެ ޓްރާންސްޕޯޓް މިނިސްޓަރާއި، އެ ގައުމުގެ ޖެނެރަލް އޮތޯރިޓީ އޮފް ސިވިލްއޭވިއޭޝަންގެ ރައީސް ޢަބްދުލްޢަޒީޒް އަލް ދުއައިލެޖްގެ ދައުވަތަކަށެވެ.

