ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމަށްޓަކައި އަބަދުވެސް ހިތުގައި އޮންނާނީ ގަދަރު ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި ރައީސް މުއިއްޒު ވިދާޅުވީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ އެންމެފަހު ދުވަހާއި ޖެހެންދެންވެސް މަސައްކަތްކުރެއްވީ ރައީސް ޔާމީން މިނިވަންކޮށް، އެމަނިކުފާނަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓް ދެއްވުމަށް ކަމަށެވެ.
އަދި ރައީސް މުއިއްޒު އަށް އެ އިންތިހާބު ކާމިޔާބުވުމުންވެސް އެންމެ ފުރަތަމަ އޭރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ދެންނެވީ ރައީސް ޔާމީން ގެއަށް ބަދަލުކޮށްދެއްވުމަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނަކީ ރައީސް ޔާމީންގެ ކެބިނެޓްގައި ރެއާއި ދުވާލު މަސައްކަތްކުރެއްވި ބޭފުޅެއްކަމަށާއި، ހަވާލު ކުރެއްވި ކޮންމެ މަސައްކަތެއްވެސް އަމާނާތްތެރިކަމާއި ތެދުވެރިކަމާއެކު ކުރެއްވިކަމަށެވެ.
އަދި ރައީސް ޔާމީނާމެދު އެމަނިކުފާނުގެ ހިތުގައި އަބަދުވެސް އޮންނާނީ ގަދަރުކަމަށް ވިދާޅުވިއެވެ.
”އޭރުވެސް މިއަދުވެސް އަދި މާދަމާވެސް އެމަނިކުފާނާމެދު އަޅުގަނޑުގެ ހިތުގައި އޮންނާނީ ގަދަރު. އަބަދުވެސް އޮންނާނީ ގަދަރު“ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
”ރައީސް ޔާމީން އެގޮތަކަށް ވިދާޅުވީމަ އެ ނޫން ގޮތަކަށް މަސައްކަތެއް ނުކުރަން. ކުރެވޭނެ ހުރިހާ މަސައްކަތެއް ކުރަން، އެ ދެންނެވިކަމަކަށް.“ ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން އަބަދު ވެސް ކަންކަން ކުރެއްވީ ރައީސް ޔާމީން ވިދާޅުވާ ގޮތަށް ކަމަށާއި، އެމަނިކުފާނު ޖަލުގައި ހުންނެވި ދުވަސްވަރު ފޮނުއްވެވި ނޯޓުތަކުގައި އަންގަވާ ގޮތަށް އަމަލު ކުރައްވަމުން ގެންދެވިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

