މިއީ ވަރަށް ހިތްދަތި، އަދި އެހާމެ ހިތާމަވެރި ހަގީގީ ހާދިސާއެކެވެ.

Ads by Asuru

ސެންޑިއޭގޯގެ ފިރިހެނަކު، އާދައިގެ މަތިން، މަސައްކަތަށްފަހު، މިސްރާބު ޖެހީ އޭނާގެ ގެއަށެވެ. އޭނާ ދަތުރު ކޮށްފައި ދިޔައީ ކާރެއްގައެވެ. އެހެންނަމަވެސް މިދުވަސް، އޭނާގެ އާދައިގެ އެހެން ދުވަސްތަކާ ވަރަށް ތަފާތެވެ.

ދުއްވަމުން ގޮސް، އޭނާގެ ގެ ހުރި ހިސާބަށް ދެވުމާއެކު ސައިރެންގެ އަޑު އިވެން ފެށިއެވެ. އެއަޑު އިވުމުން އޭނާގެ ހިތަށް ހާސްކަން ވެރިވިއެވެ. ދެން އޭނާއަށް ފެނުނީ މުޅި ސަރަހައްދު ދުމުން ފުރިފައިވަނިކޮށެވެ.

އިސާހިތަކު އެސަރަހައްދުން އެމްބިއުލާންސާއި، ފުލުހުންގެ އުޅަނދުތަކާއި، އަލިފާން ނިއްވާ އުޅަނދުތައްވެސް ފެންނަން ފަށައިފިއެވެ. އޭނާގެ ހާސްކަން އިތުރުވެ، ގެއާ ކައިރިއަށް ބާރަށް ދުއްވިއެވެ. އެއާއެކު ފެނުނީ އޭނާގެ ގޭގައި އަލިފާން ރޯވަމުންދާ މަންޒަރެވެ.

އާއިލާގެ އެންމެންވެސް ތިބީ ގޭގައެވެ. އަނބިމީހާއާއި، ދެ ދަރީންނާއި، މައިދައިތައެވެ. އެންމެންވެސް ދުނިޔެއާ ވަކިވެގެން ދިޔައީއެވެ. ވާހަކައިގެ މި ހިސާބުން، އެ ފިރިހެންމީހާއަށް ދިމާވި މި ހިތްދަތިކަން ތިބާއަށް ކުރިމަތިވެއްޖެނަމަ ވާނެގޮތާމެދު ވިސްނާލާށެވެ.

އެހެންނަމަވެސް އެއީ ކުރެވޭނެވެސް ކަމެއް ނޫނެވެ. އެއްވެސް މީހަކަށް އެވަރުގެ ކަމެއް ދިމާވުމުން ނޫނީ، އެކަމުގައި ހުރި ވޭނާއި ހިތްދަތިކަން އިހުސާސް ކުރަން ނުވެސް އެނގޭނެއެވެ. އުނދަގޫ ކަމެއް ކަމުގައިވިޔަސް، އެ ފިރިހެންމީހާއަށް ކުރަމުންދާނެ އަސަރު ކުޑަކޮށްވެސް އަންދާޒާ ކޮށްލެވޭތޯ ބަލާށެވެ.

އާއިލާ އެއްކޮށް ވަކިވީއެވެ. އުޅެމުން ދިޔަ ގެ، އަނދާ އަޅިއަށް ވީއެވެ.

ދެން ވިސްނަންވީ މާތް ރަސޫލާ(ސ.އ.ވ)ގެ މި ހަދީޘްފުޅާމެދުގައެވެ. އެކަލޭގެފާނު ހަދީޘްކުރެއްވި ބަސްފުޅެއްގައި ވަނީ އަސުރު ނަމާދު ގަސްތުގައި އަޅައިފި މީހާގެ މުޅި އާއިލާއާއި، އޭނާގެ ހުރިހާ މުދަލެއްވެސް ގެއްލިގެން ދިޔުމާ އެއްފަދަ ކަމުގައެވެ.

މި ހަދީޘްފުޅާމެދު ވިސްނައި، އަހަރުމެން ދެން އިތުރަށް އެންމެ ނަމާދެއްވެސް އަޅާނީ ކިހިނަކުންތޯއެވެ؟ ތިބާ އަކީ ފަރުޟު ފަސް ނަމާދަށް ރައްކާތެރިނުވެވޭ މީހެއް ކަމުގައި ވާނަމަ، އަވަހަށް އިސްލާހުވެ، އެންމެ ނަމާދެއްވެސް ނޭޅުމަށް އަޒުމް ކަނޑައަޅާށެވެ. ދުނިޔެއާއި އާޚިރަތުގެ ކާމިޔާބީގެ ތަޅުދަނޑި އަކީ ފަރުޟު ފަސް ނަމާދެވެ. އެއީ އިސްލާމްދީނުގެ ތަނބެވެ. ނަމާދު އަޅައިފި މީހާ، ދީން މުގުރާލި ފަދައެވެ.

މަހްޝަރު ދުވަހުން އެންމެ ފުރަތަމަވެސް ތިބާއާ ސުވާލު ކުރެވި، ހިސާބު ބެއްލެވޭނީވެސް ނަމާދާ ގުޅޭގޮތުންނެވެ. ނަމާދުގެ ”ހިސާބުން“ ފާސް ވެއްޖެނަމަ، ކާމިޔާބުވީއެވެ. އެހެންނޫންނަމަ، ތިބާއަށް އޮތީ ނާކާމިޔާބީއެވެ. ގަދަފަދަ އަޒާބެވެ.

ނަމާދު ނުކުރާ މީހުން، މާތް ނަބިއްޔާ (ސ.އ.ވ)ގެ އިތުރު ހަދީޘްފުޅެއްގައި ސިފަ ކުރައްވާފައިވަނީ، އެއީ އީމާން ނުވާ މީހުންގެ ގޮތިުގައެވެ.

ކީރިތި ޤުރުއާނުގެ 74 ވަނަ ސޫރަތް، އަލް މުދައްޘިރުގެ 42 އަދި 43 ވަނަ އާޔަތުގެ މާނައިގައި، ސުވަރުގޭގެ އަހުލިުވެރިންނާއި، ނަރަކައިގެ އަހުލުވެރިންނާ ދެކެވުނު ވާހަކައެއް ހިއްސާކޮށްފައިވާއިރު، އޭގައިވަނީ، ސުވަރުގޭގެ އަހުލުވެރިން، ނަރަކަވެރިން އެތަނަށް ދިޔަ ސަބަބު އަހާފައެވެ.

ނަރަކައިގެ އަހުލުވެރިން ޖަވާބުގައި ބުނަނީ، މި ދުނިޔޭގައި އުޅުނުއިރު، އެމީހުން ނަމާދު ކުރި މީހުންގެ ތެރޭގައި ނުވާ ކަމަށެވެ.