ކ. ހުވަފެންފުށި ކައިރީގައި އޮންނަ ފަސްގަނޑަކަށް ދަތުރު ގޮސް އުޅެނިކޮށް ތަސްލީމް މުހައްމަދު ގެއްލުނު މައްސަލައިގައި ޖިނާއީ ތަހުގީގެއް ފަށާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ހުވަފެންފުށި ކައިރީގައި އޮންނަ ފަސްގަނޑަށް ދަތުރުގޮސް އުޅެނިކޮށް ގެއްލުނު އުމުރުން 43 އަހަރުގެ ތަސްލީމް ހޯދަަން ފެށިކަން ފުލުހުން އިއުލާނުކުރީ މިދިޔަ ހޮނިހިރު ދުވަހުއެވެ.

ފުލުހުން މިއަދު ބުނީ ތަސްލީމް ހޯދުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރަމުންދާ ކަމަށާއި އޭނާ ގެއްލުނު މައްސަލައިގައި ޝައްކު އުފެދޭ ބައެއް ކަންކަން ހުރުމުން ޖިނާއީ މައްސަލައެއްގެ ގޮތުގައި އެމައްސަލައިގެ ތަހުގީގު މިހާރު ފަށާފައިވާ ކަމަށެވެ.

ނަމަވެސް އިތުރު ތަފްސީލެއް ނުދެއެވެ.

ފުލުހުން ބުނީ ތަސްލީމް ގެއްލުނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު ކަމަށެވެ. އަދި އޭނާ އެންމެ ފަހުން ފެނުނީ އޭނާއާ އެކު ދަތުރު ދިޔަ މީހުންނަށް އެ ދުވަހުގެ 10:00 އާއި 11:00 އާ ދެމެދުގައި ކަމަށް ވެސް ފުލުހުން ބުނެއެވެ.

ތަސްލީމް ހޯދުމުގެ އޮޕަރޭޝަންގައި އެމްއެންޑީއެފުން ވެސް ބައިވެރިވެ އޭނާ ގެއްލުނު ފިނޮޅުގެ ވަށައިގެން 5،000 އަކަފޫޓުގެ ސަރަހައްދެއް ސްނޯކަލްކޮށްގެން ބަލައިފައިވެއެވެ.

އަދި ކޯސްޓް ގާޑުގެ ޑައިވަރުން 3،000 އަކަފޫޓުގެ ސަރަހައްދެއް ޑައިވްކޮށްގެން ބަލާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.