ފޮރިން މިނިސްޓަރު މޫސާ ޒަމީރު ރަސްމީ ދަތުރެއްގައި ޔުނައިޓެޑް އެރެބް އެމިރޭޓްސް(ޔޫއޭއީ)އަށް ފުރާވަޑައިގަންނަވައިފިއެވެ.
މިނިސްޓަރު ޒަމީރުގެ މި ދަތުރުފުޅުގައި، އެ ގައުމުގެ ބޮޑުވަޒީރުގެ ނައިބު އަދި ފޮރިން މިނިސްޓަރު ހިޒް ހައިނަސް ޝެއިޚް ބިން ޒައިދު އަލް ނަޙްޔާންގެ އިތުރުން އެ ގައުމުގެ ސަރުކާރުގެ އެހެނިހެން އިސްވެރިންނާ ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ފޮރިން މިނިސްޓްރީން ވިދާޅުވީ މިނިސްޓަރުގެ މި ދަތުރަކީ ރާއްޖެއާއި ޔޫއޭއީ ދެމެދު އޮންނަ ގާތް، ރަހުމަތްތެރިކަމުގެ ގުޅުން އިތުރަށް ހަރުދަނާކޮށް، ބަދަހި ކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ.
މިނިސްޓަރު ޒަމީރުގެ އަރިހުގައި އެމްބެސެޑަރ-އެޓް-ލާޖް، އަހުމަދު ނަސީރު؛ ސެކްރެޓަރީ، ބައިލެޓަރަލް، ޑރ. ހާލާ ހަމީދު؛ އަދި ޖޮއިންޓް ސެކްރެޓަރީ، މަރްޔަމް ރީޝާ މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ.

