މާލޭގައި އަންހެނަކު ރަހީނު ކުރި މައްސަލައިގައި ފުލުހުންގެ ހައްޔަރުގައި ހުއްޓާ އަމިއްލައަށް މަރުވި، އާދަމް އަތުހަރުގެ މަރުގެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބުނެފިއެވެ.

އެޗްއާރުސީއެމުން ބުނީ، އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވި ށ.މިލަންދޫ، ހެޕީލޭންޑް، އާދަމް އަތުހަރު މިދިޔަ މަހުގެ 29 ވަނަ ދުވަހުގެ ރޭގަނޑު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށް މަސައްކަތްކުރުމުގެ ތެރޭގައި ފުލުހުންގެ ހިދުމަތުގެ އޮފިސަރުން ބާރުގެ ބޭނުންކޮށްފައިވާ ގޮތާއި، މި ހާދިސާއާއި ގުޅިގެން އަނިޔާ ލިބުނު ފަރާތް ތަކަށް އެރޭ ބޭސްފަރުވާ ފޯރުކޮށްދިނުމުގައި ފުލުހުންގެ ހިދުމަތުން އަމަލުކޮށްފައިވާ ގޮތާއި އަދި މި ހާދިސާގައި ފުލުހުންގެ ހިދުމަތުގެ ބެލުމުގެދަށަށް އަތުހަރު ގެންދިއުމަށްފަހު އޭނާއަށް ސިއްޙީ ފަރުވާ ފޯރު ކޮށްދިނުމުގައި ފުލުހުން އަމަލު ކޮށްފައިވާ ގޮތް ހާދިސާ ހިނގި ރެއިން ފެށިގެން ކޮމިޝަނުން ބަލަމުން އަންނަ ކަމަށެވެ.

މީގެއިތުރުން، ފުލުހުންގެ ބެލުމުގެ ދަށުގައި އަތުހަރު ވަނިކޮށް މިމަހުގެ އެއްވަނަ ދުވަހު އަތުހަރު އަމިއްލައަށް މަރުވާން އުޅުނު ހާދިސާއާއި ގުޅޭ މަޢުލޫމާތު ފުލުހުންގެ ފަރާތުން އެކޮމިޝަނުގެ ސަމާލުކަމަށް ގެނައި ވަގުތުން ފެށިގެން ކޮމިޝަނުގެ ރެޕިޑް ރެސްޕޮންސް ޓީމުން ހަރަކާތްތެރިވެ މިކަމާ ގުޅުންހުރި މައުލޫމާތުތައް އެއްކޮށް މި މައްސަލަ ވެސް ކޮމިޝަނުން ބަލަމުންދާކަމުގައެވެ.

ފުލުހުން ވަނީ އަތުހަރު ދަންޖެހުނު މަންޒަރު ރޭ ނޫޫސްވެރިންނަށް ދައްކައިފައެވެ. އަދި މިހާރު އޭނާގެ އާއިލާއަށް ވެސް، އެ ފުޓޭޖު ދައްކާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.