ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަަނޑައެޅުއްވި އާ ޑިފެންސް އެޑްވައިޒަރ ލެފްޓިނެންޓް ކާނަލް ޙަސަން އާމިރާއި، ކުރިން އެ މަޤާމުގައި ހުންނެވި ކާނަލް އިސްމާޢީލް ނަސީރު، ސްރީލަންކާގެ ޗީފް އޮފް ޑިފެންސް ސްޓާފް ޖެނެރަލް ޝަވެންދްރާ ސިލްވާއާ ބައްދަލުކުރައްވައިފިއެވެ.

Ads by Asuru

ސްރީލަންކާގެ ޗީފް އޮފް ޑިފެންސް ސްޓާފްގެ އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖޭގެ ޑިފެންސް އެޑްވައިޒަރުގެ މަޤާމުގައި ކުރިން ހުންނެވި ކާނަލް އިސްމާޢީލް ނަޞީރުގެ ޚިދުމަތާއި، ދެ ޤައުމުގެ އަސްކަރީ ގުޅުން ބަދަހިކުރުމުގައި ބެހެއްޓެވި އަހައްމިއްޔަތުކަން ފާހަގަކުރައްވައި ޗީފް އޮފް ޑިފެންސް ސްޓާފް ވަނީ ކާނަލް އިސްމާޢީލް ނަޞީރަށް ޝުކުރު އަދާކުރައްވާފައެވެ. ހަމައެއާއެކު ޑިފެންސާ ގުޅުން ހުރި ކަންކަން އިންތިޒާމުކުރެއްވުމުގައި ޓްރައި ސަރވިސަސްއާއެކު ބޭއްވެވި ބަދަހި ގުޅުން ފާހަގަކުރައްވައި، ފާގަތި މުސްތަޤްބަލަކަށް އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ޑިފެންސް އެޑްވައިޒަރުގެ މަޤާމަށް ދިވެހިރާއްޖެއިން އަލަށް އައްޔަންކުރެއްވި ލެފްޓިނެންޓް ކާނަލް ޙަސަން އާމިރަށް ޗީފް އޮފް ޑިފެންސް ސްޓާފް ވަނީ މަރުޙަބާ ދަންނަވައި، ކާމިޔާބަށް އެދިވަޑައިގަންނަވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ދެމެދުގައިވާ ބަދަހި އަސްކަރީ ގުޅުން އިތުރަށް ހަރުދަނާކުރުމާއި، ތަމްރީނުގެ ފުރުސަތުތަކާ ބެހޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

މި ބައްދަލުވުމަށް ފަހު ދެ ފަރާތުގެ ދެމެދުގައި މެމޮންޓޯ ބަދަލުކުރައްވާފައިވެއެވެ.