ސަރުކާރުން ހަރަދުތައް ކުޑަ ކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން، ދައުލަތުގެ ބަޖެޓުން ޖުމްލަ 42 މިލިއަން ރުފިޔާ ހަރަދުކުރި ސަރުކާރު ހިއްސާވާ ދެ ކުންފުންޏެއް އުވާލަން ނިންމައިފިއެވެ.

އެގޮތުން މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އާއި އެގްރޯނެޓް ކޯޕަރޭޝަން އުވާލަން ނިންމާފައި ވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ.

ފިނޭންސް މިނިސްޓްރީން ހާމަކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މި ސަރުކާރުގައި މިދިޔަ ޖޫން މަހާ ހަމައަށް ދައުލަތުގެ ބަޖެޓުން އެގްރޯނެޓަށް 33 މިލިއަން ރުފިޔާ އަދި އެމްއައިޓީޑީސީއަށް 8.1 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.

ހަރަދު ކުޑަކުރުމުގެ ގޮތުން ބައެއް ކުންފުނިތައް އެއްކޮށްލުމަށް ވެސް އާދިއްތަ ދުވަހުގެ ކެބިނެޓް ބައްދަލުވުމުގައި ވަނީ ނިންމާފައެވެ.