މަސްވެރިންނަށް ހަތް މިލިއަން ރުފިޔާ މިއަދު ދޫކުރާނެ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އިން ބުނެފިއެވެ.

މިފްކޯ އިން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ މިދިޔަ އޯގަސްޓް މަހުގެ ނުވަ ވަނަ ދުވަހުން ފެށިގެން 23 ވަނަ ދުވަހަށް، 445 ޓަނަށްވާ ދެ ހަފްތާގެ ފައިސާ މިއަދު އޮޑިވެރީންނަށް ޖަމާކުރާނެ ކަމަށެވެ.

އެއީ ޖުމްލަ 7،029،418 ރުފިޔާ ކަމަށް މިފްކޯއިން ވަނީ މައުލޫމާތު ދެއެވެ.

މަސްވެރިންނަށް ދެން ނުދެވި ބާކީ ހުންނާނީ އޯގަސްޓް 24 އިން ފެށިގެން މަސްވެރިން ކިރާފައިވާ މަހުގެ ފައިސާ އެކަނި ކަމަށްވެސް މިފްކޯއިން ވަނީ ބުނެފައެވެ.

މި ސަރުކާރުން ވަނީ، މިހާތަނަށް ބިލިއަނަކަށްވުރެ ގިނަ ރުފިޔާ މަސްވެރިންނަށް ދޫކޮށްފައެވެ.

ހުޅަނގު މޫސުމުގެ ގަދަ ދުވަސްތަކަށްފަހު މަސްވެރިކަން ރަނގަޅުވެ އިއްޔެ 43 ދޯންޏަކުން 121.8 މެޓްރިކް ޓަނުގެ މަސް މިފްކޯއަށް ކިރާފައިވާކަން އެކުންފުނިން ފާހަގަކުރެއެވެ.

އަދި ސަރުކާރާއި މިފްކޯއަށްވެސް ކޭޝްފްލޯގެ ދަތިކަން ކުރިމަތިވެފައިވާ ޙާލަތުގައިވެސް ކުންފުނީގެ ބޯޑާއި މެނޭޖުމެންޓުގެ އިތުރުން، ސަރުކާރާއި، ފިޝަރީޒް މިނިސްޓްރީން ގުޅިގެން ކުރެވޭ މަސައްކަތުގައި ސަރުކާރުން ލިބޭ އެހީތެރިކަން ފާހަގަކުރާކަމުގައި ވެސް މިފްކޯއިން ބުނެފައިވެއެވެ.