ގައުމުގެ ހާލަތު ބަދަލު ކުރުމުގެ އެންމެ ބޮޑު ޝައުގުވެރިކަމެއް ހުންނަންވާނީ ޒުވާނުންގެ ކިބައިގައި ކަމަށް ރައީސް ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

Ads by Asuru

ސަންގު ޓީވީއަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ޔާމީން ވިދާޅުވީ ޒުވާނުންގެ މެނިފެސްޓޯ އެކުލަވާލުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި، މިކަމަށްޓަކައި އަތޮޅުތެރޭގައި ތިބި ޒުވާނުންގެ ހިޔާލުވެސް ހޯދަމުން އަންނަ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް، އެންމެ ބޮޑު ޝައުގުވެރިކަމެއް ހުންނަންވާނެ އެއްބަަޔަކީ ޒުވާނުންނެވެ. އަދި ހާލަތު ބަދަލު ކުރެވޭނެ ބަޔަކީވެސް ޒުވާނުން ކަމަށް ވިދާޅުވިއެވެ.

”އެއްވެސް ބަޔަކު، އެބައެއްގެ ހާލަތު ރަނގަޅު ކުރަން ބޭނުން ކަަމަށް ވަންޏާ، ރިޔާސީ އިންތިހާބަށް ”އަންއިންޓެރެސްޓް“ ދެއްކުމަކީ ކޮށްގެންވާނެ ކަމެއް ނޫން، ދެއްތޯ؟“

ރިޔާސީ މެނިފެސްޓޯއާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ. އެގޮތުން ޒުވާނުންނާއި، އަންހެނުންނާއި، މަސްވެރިންގެ މެނިފެސްޓޯގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކުރެއްވިއެވެ.

ކޮންމެ ދާއިރާއަކަށް ބެލިއަސް، ރާއްޖޭގެ ހާލަތު ކުރިއަށްވުރެ ވަރަށް ބޮޑަށް ގޯސްކަން ފާހަގަކުރައްވައި، އިދިކޮޅު ލީޑަރު އިތުރަށް ވިދާޅުވީ އެންމެ ބޮޑު އެއް މައްސަލައަކީ ޝަރުއީ ނިޒާމަށް ރައްޔިތުންގެ އިތުބާރު ގެއްލިފައިވުން ކަމަށެވެ.

އަދި އެ ނިޒާމަށް އަލުން ރައްޔިތުންގެ އިތުބާރު ހޯދުމަށް، ޕީޕީއެމްގެ ސަރުކާރުން ކުރާނެ ކަންކަން ރޭވުމުގެ މަސައްކަތް ހިނގަމުން އަންނަ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.