މިއަހަރުގެ ދެވަނަ ”ވިއަވަތި ރާއްޖެ“ ކޮންފަރެންސް މިމަހުގެ 10 ވަނަ ދުވަހު ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

Ads by Asuru

ރައީސް އޮފީހުގެ ތަރުޖަމާނު، މިއުވާން މުހައްމަދު މިއަދު ވިދާޅުވީ މި ކޮންފަރެންސް އޮންނާނީ، ލ.ގަމުގައި، މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން 12 ވަނަ ދުވަހަށް ކަމަށެވެ.

ވިއަވަތި ރާއްޖެ އަކީ އަލަށް އިންތިޚާބުކުރި ކައުންސިލްތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ  ކޮމިޓީތަކާއެކު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ބާއްވަވަމުން ގެންދަވާ ސިލްސިލާ މަޝްވަރާ ބައްދަލުވުންތަކެކެވެ.

މި ކޮންފަރެންސްގައި ބައިވެރިވާނީ ރާއްޖޭގެ ދެކުނުގެ އަތޮޅުތައްކަމަށްވާ ދ، ތ، ލ، ގއ، ގދ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގެ މޭޔަރުންނާއި އަތޮޅު އަދި ރަށު ކައުންސިލްތަކުގެ ރައީސުންނާއި އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ރައީސުންނެވެ.

މޭޔަރުންނާއި ކައުންސިލްތަކުގެ ރައީސުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ ރައީސުންގެ އިތުރުން ކެބިނެޓް މިނިސްޓަރުންނާއި، ސަރުކާރު މުއައްސަސާތަކުގެ އިސްވެރިންނާއި، ޓެކްނިކަލް މުވައްޒަފުން ހިމެނޭހެން 250 އަށްވުރެ ގިނަ ބައިވެރިން މިފަހަރުގެ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް މިއުވާން ވިދާޅުވިއެވެ.

މިފަހަރުގެ ކޮންފަރެންސްގައި މަޝްވަރާކޮށް ހިޔާލުބަދަލުކުރުމަށް ހަމަޖެހިފައިވަނީ މައިގަނޑު 4 ދާއިރާއަކުންނެވެ.

އެއީ، ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުވުން، ބިނާވެށި ޕްލޭން އެކުލަވާލުން، މިންތީގެ ހަމަހަމަކަން އަދި ވިލުންވެރި މުޖްތަމައުއެއް ބިނާކުރުމެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު، މިއުވާން ވިދާޅުވީ ކުރީ ފަހަރެކޭވެސް އެއްގޮތަށް މިފަހަރުވެސް ކޮންފަރެންސްގެ ބައިވެރިންނާއެކު ގުޅުންބަދަހިކުރުމުގެ ގޮތުން ސްޕޯޓްސް ފެސްޓިވަލްއެއް މިމަހުގެ 10 ވަނަ ދުވަހުގެ ހަވީރު، ލ. ގަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.