ޑޮލަރު ވިއްކާ ކަމަށް ބުނެ، މީސްމީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް މަކަރާއި ހީލަތުން ފައިސާ އަތުލުމުގެ އަމަލުތައް އިތުރުވަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި ފުލުހުން ބުނީ، ބޭރުގެ ފައިސާ ގަނެވިއްކުމުގެ މުއާމަލާތްތައް ކުރުމުގައި، އިތުބާރު ހުރި ގާނޫނީ ގޮތުން ހުއްދަ ލިބިފައިވާ ފަރާތްތަކާއި މުއާމަލާތް ކުރުމަކީ މިފަދަ ސްކޭމްތަކުގެ ޝިކާރައަކަށްވުމަށް ސަމާލުވުމަށް އެޅޭނެ މުހިންމު ފިޔަވަޅުތައް ކަަމަށެވެ.

ސްކޭމްގެ މައްސަލަތައް ރާއްޖޭގައި ގިނަވަމުންދާތީ ފުލުހުން ދަނީ އެކަމާ ސަމާލުވެ ތިބުމަށް އަންގާ ރައްޔިތުން ހޭލުންތެރި ކުރުމަށް މައުލޫމާތު ފޯރުކޮށްދެމުންނެވެ.

އެގޮތުން ފޯނަށް ލިބޭ އޯޓީޕީ އެއްވެސް ފަރާތަކާއި ހިއްސާ ނުކުރުމަށާއި ފައިސާ ފޮނުވުމުގައި ވެސް ވެރިފަރާތް ވެރިފައި ކުރުމަށްފަހު ނޫނީ ފައިސާ ނުފޮނުވުމަށް ވަނީ އެދިފައެވެ.

އެފަދަ ކަމެއް ދިމާވެއްޖެ ނަމަ ލަސްނުކޮށް ފުލުހުންގެ ހޮޓްލައިން ނަމްބަރު 119 ނުވަތަ 3322111 އަށް ގުޅުމަށް ވެސް ފުލުހުން ވަނީ އެދިފައެވެ.