އިނަ މޯލްޑިވްސް މާލެ އޮފީސް އަދި އިތުރު އޮފީސްތަކެއް ފަޅާލި މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދަށް 30 ދުވަސް ޖަހައިފިއެވެ.

މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ ރ. މީދޫ ބުލްބުލާގެ އަޒްމީލް މުހައްމަދެވެ. އުމުރުން 40 އަހަރުގެ އަޒްމީލްގެ ބަންދަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ 30 ދުވަސް ޖަހާފައެވެ.

އޭނާ ހައްޔަރުކުރީ އިނަ މޯލްޑިވްސްގެ އައިލެންޑް ޗޮއިސް އާއި އޭސް ޓްރެވަލްސް އަދި ގަތަރު ކާގޯ އޮފީހަށް ގެއްލުންދީ ވައްކަން ކޮށްފައިވާ މައްސަލައިގެ ތުހުމަތުގައެވެ.

މި މައްސަލައާ ގުޅޭގޮތުން އިނަ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވައްކަން ކުރަން ވަތް މީހުން ތަނުގެ ބައެއް ތަންތަނަށް ގެއްލުން ދީފައިވާ ކަމަށެވެ.